އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި، 2024 މޭ 21 ވާ އަންގާރަ ދުވަހުން ފެށިގެން 2024 މޭ 23 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، (ތިން ދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މި ކަން އިޢުލާންކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 2024/10 ނަންބަރު ދެންނެވުމުގައެވެ.
އުމުރުފުޅުން 63 އަހަރުގެ އިބުރާހީމް ރައީސީ އަވަހާރަވެފައިވަނީ އީރާނާ އާޒަރުބައިޖާން ގުޅޭ ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި އިރާނަށް ވަޑައިގެންނެވި މަގުމަތީގައެވެ.
މި ދަތުރުފުޅުގައި ރައީސީގެ އަރިހުގައި ދަތުރުކުރެއްވި އީރާނުގެ ޚާރިޖީ ވަޒީރު އަމީރު ޢަބްދުﷲހިޔާން، އިރުމަތީ އާޒަރުބައިޖާންގެ ގަވަރުނަރ މަލިކު ރަޙުމަތީ، ތަބްރީޒީ މިސްކިތުގެ އިމާމު އަލްޙާޝިމީގެ އިތުރުން ހެލިކޮޕްޓަރުން ދަތުރު ކުރެއްވި އެންމެންވަނީ އަވަހާރަވެފައެވެ.
އާޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަށްފަހު އިއްޔެ ހަވީރު އެ ހެލިކޮޕްޓަރު ދަތުރު ކުރީ ވަރަށް ބޮޑަށް މޫސުން ގޯސް، ބޯ ދުންފުނީގެ އަސަރު ކުރަމުން ދިޔަ ފަރުބަދަތަކެއްގެ ކައިރިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުންނާއި މޫސުން ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން 15 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވިއެވެ. އަދި ރެޑް ކްރެސެންޓުގެ ރެސްކިއު ޓީމުތަކަށް އެ ސަރަހައްދަށް ދެވުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އިރާންގެ ރެޑް ކްރެސެންޓު ޓީމުތަކުން އެ ސަރަހައްދަށް ދިޔައިރު، ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރުގެ ބޮޑު ބައި ވަނީ އަނދައި އަޅިއަށް ވެފައެވެ.
އިބުރާހީމް ރައިސީ ރައީސް ކަމަށް ވަޑައިގެންނެވީ 2021 ވަނަ އަހަރުއެވެ. އީރާނުގެ ޤާނޫނު އަސާސީގައިވާގޮތުން އިރާނުގެ ވަގުތީ ރައީސްކަމާއި ދެން ހަވާލުވެވަޑައިގަންނަވާނީ ރައީސީގެ ފުރަތަމަ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު މުޚުބާރުއެވެ. އޭނާ ވަގުތީ ރައީސްކަމުގެ މަގާމްގައި ހުންނަވާނީ ކުރިޔަށް އޮތް 50 ދުވަހުގެ ތެރޭގައި އެޤައުމުގައި ރިޔާސީ އިންތިޚާބެއް ބޭއްވެންދެނެވެ.
ރައީސީއާ ޚާރިޖީ ވަޒީރު އަދި އެހެން ބޭފުޅުން އަވަހާރަވުމާއި ގުޅިގެން އިސްލާމީ ޤައުމުތަކުން އަންނަނީ އެހިތާމާގައި ބައިވެރިވަމުންކަން ފާހަގަ ކުރެވެއެވެ.