އިރާނުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސް މުއިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ  އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ތައުޒިޔާ ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވާހަރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއް ކަމަށެވެ.

އަދި މި ހާދިސާގައި މަރުވި ފަރާތްތަކުގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށްވެސް ރައީސް ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވަނީ މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާއަށް ތައުޒިޔާވެސް ދަންނަވާފައެވެ.

އިބުރާހީމް ރައީސީ އަވަހާރަވެފައިވަނީ އީރާނާ އާޒަރުބައިޖާން ގުޅޭ ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި އިރާނަށް ވަޑައިގެންނެވި މަގުމަތީގައެވެ.

އުމުރުން 63 އަހަރުގެ ރައީސީއާއިއެކު އެ ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އީރާނުގެ ޚާރިޖީ ވަޒީރު އަމީރު ޢަބްދުﷲހިޔާން، އިރުމަތީ އާޒަރުބައިޖާންގެ ގަވަރުނަރ މަލިކު ރަޙުމަތީ، ތަބްރީޒީ މިސްކިތުގެ އިމާމު އަލްޙާޝިމީގެ އިތުރުން ހެލިކޮޕްޓަރުން ދަތުރު ކުރެއްވި އެންމެންވެސްވަނީ އަވަހާރަވެފައެވެ.

މީޑިއާތަކުން ބުނާގޮތުން ހެލިކޮޕްޓަރު ވެއްޓިފައިވަނީ އީރާނުގެ އިރުމަތީގައި އޮންނަ އަޒަރުބައިޖާން ޕްރޮވިންސުގެ ސަރަހައްދަށް ކަމަށެވެ.

އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި 2024 މޭ 21 ވާ އަންގާރަ ދުވަހުން ފެށިގެން 2024 މޭ 23 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވާފައެވެ.

advertisement
ހިޔާލު ދެއްވާ!