ގެއްލިގެން ހޯދަމުން އަންނަ ދޯނި. ފޮޓޯ: އެމްއެންޑީއެފް

ކ. ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ދޯންޏާ ގުޅިއްޖެ: އެމްއެންޑީއެފް

ކ.ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ "އޭއޭއޭ 37″ މުދާ އުފުލާ ދޯންޏާ ގުޅިއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝަހީދު ޢަލީ ދަނީ އެ ދޯނި އޮތް ސަރަހައްދަށް ދިޔުމަށް ދަތުރުކުރަމުން ކަމަށެވެ.

މިމަހުގެ 17 ވަނަ ދުވަހު ކ.ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދާ  މި ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އިއްޔެ ކަނޑާއި ވައިގެމަގުން، މީމު އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެގޮތުން ކަނޑާއި ވައިގެމަގުން 6240 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލާފައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ ދޯނިން ދަތުރުކުރީ ބަނގްލަދޭޝްގެ ތިން މީހުންނާއި ދިވެއްސަކާއެކު ޖުމްލަ 4 މީހުން ކަމަށް ދޯނީގެ ވެރިފަރާތުން ވަނީ ކޯސްޓްގާޑަށް މަޢުލޫމާތު ދީފައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ދޯންޏާ ގުޅިފައިވާ ނަމަވެސް ދޯނިން ދަތުރުކުރި މީހުންގެ ޙާލަތާބެހޭގޮތުން އެއްވެސް މަޢުލޫމާތެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވިއްސާރަވެ، ވައިގަދަވެ، ކަނޑުތައް ގަދަ ދުވަސްވަރަކަށް ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފްގެ އިތުރުން، ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް އިލްތިމާސް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!