މިމަހުގެ 17 ވަނަ ދުވަހު ކ. ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މުދާ އުފުލާ ދޯންޏެއް ކަމަށްވާ "އޭއޭއޭ 37″ ދޯނި ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މި ދޯނި ފެނިފައިވަނީ، މިއަދު، 2024 މޭ 20 ވަނަ ދުވަހުގެ ހެނދުނު 10:19 ހާއިރު ކަމަށާ ދޯނި ފެނުނުއިރު، އޭގައި ތިބި ހަތަރު ފަޅުވެރިން ތިބީ ގަދަވެ ސަލާމަތުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ ދޯނިން ދަތުރުކުރީ ތިން ބިދޭސީންނާއި ދިވެއްސެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ މޭ 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ 17:20 ހާއިރު ކަމަށެވެ.
އެ ދޯނި ގެއްލިގެން ހޯދުމަށް ކުރެވުނު މަސައްކަތުގައި ކަނޑުމަގުން 2461 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބެލިފައިވާއިރު، ވައިގެމަގުން 6954 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބެލިފައިވާ ކަމަށާ މި ހާދިސާގައި ކަނޑާއި ވައިގެ މަގުން ޖުމުލަ 9415 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބެލިފައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީ ވަނީ، އެ ދޯނި ދަތުރުކުރަމުން އައި ސަރަހައްދަށް ގޮސް، އެ ދޯނީގެ ފަޅުވެރިންނާ ބައްދަލުކޮށްފައި ކަމަށާ އެ ދޯނި މިހާރު އޮތީ ވ.ރަކީދޫ ބަނދަރުގައި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑުން ގެންދަނީ އެ ދޯންޏަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވިއްސާރަވެ، ވައިގަދަވެ، ކަނޑުތައް ގަދަ ދުވަސްވަރަކަށް ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފްގެ އިތުރުން، ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް އިލްތިމާސް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.