ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން ކަޔަކް ބޯޓެއްގައި މޫދަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ގެއްލިގެން ހޯދަމުންދިޔައީ 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުޙައްމަދު ސަވަން ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ސަވަން ފެނިފައި ވަނީ މިއަދު ހެނދުނު 09:25 ހާއިރު ގއ. ރެސިޑެންސް މޯލްޑިވްސް ރިސޯޓްގެ މޫދުން އެ ރިސޯޓްގެ މުވައްޒަފުންނަށް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އޭނާ މަސައްކަތްކުރާ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ރެސިޑެންސް މޯލްޑިވްސް ރިސޯޓުން މިހާރު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.
އެމީހާ ގެއްލުނު ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ އިއްޔެ 15:54 ހާއިރުއެވެ.
އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ގޮސް، އެ މީހާ ހޯދުމުގެ މަސައްކަތް އިއްޔެ 16:50 ހާއިރު ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.