މާލޭގެ ގެއެއްގެތެރެއިން މަރުވެފައި އޮއްވާ މިއަދު ފެނުނީ ގެއްލިގެން ހޯދަމުން އައި ޒުވާނާކަމަށް ބައެއް މީޑިއާތަކުން ބުނެފިއެވެ.
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަންފަށައިވާ ކަމަށް ބުނެ، މިއަދު މެންދުރުކުރިން މީސްމީޑިއާ ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މއ. ބޯޅަކިންކިރިމާގެ، އަޙްމަދު އައިމަން (30އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އޭނާ ގެއްލުމާއި ގުޅިގެން ފުލުހުން ބުނީ އަޙްމަދު އައިމަން އެންމެ ފަހުން ފެނިފައިވަނީ މެއި 16 ވަނަ ދުވަހުގެ 21:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
މިއަދު ހަވީރު ފުލުހުން މީޑީއާތަކަށް މައުލޫމާތު ދިން ގޮތުގައި މާފަންނު ގެއެއްގެ ގްރައުންޑް ފްލޯގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓު މިއަދުގެ 14:20 އެހާކަންހާއިރު ލިބިފައި ވާތީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާ މަރުވެފައި އޮއްވާ ފެނުނީ ދިވެހި ފިރިހެނެއް ކަމަށެވެ.
މިމަރާއި ގުޅިގެން ފުލުހުން ތަފްސީލު ދެއްވާފައި ނުވި ނަމަވެސް ބައެއް މީޑިއާތަކުގައި ބުނެފައިވަނީ މ. ރަބީއުވިލާގޭ ތެރޭ މަރުވެފައި އޮއްވާ ފެނިފައިވަނީ 16 މޭ އިންފެށިގެން ގެއްލިގެން ހޯދަމުންދިޔަ، މއ. ބޯޅަކިންކިރިމާގޭ އަޙުމަދު އައިމަން ކަމަށެވެ.
މި މަރާއިއެކު މި ހިނގާ މޭމަހު މާލެއިން، މަރުވެފައި އޮތް 3 މީހުންވަނީ ފެނިފައެވެ. އެގޮތުން ބަނޑޭރިކޮށީގައި ހުންނަ މީހުން ނޫޅޭ އެޕާޓުމެންޓަކުންވެސް މަރުވެފައި އޮތް ދިވެހި ފިރިހެނަކު ވަނީ ފެނިފައެވެ. އަދި ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭނެއްގެ ތެރެއިންވެސް މަރުވެފައި އޮތް ބިދޭސީއަކުވަނީ ފެނިފައެވެ.