ޝަރީއަތް ނިމެންދެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ޕާސްޕޯޓް ހިފަހައްޓަން އަމުރުކޮށްފިއެވެ.
ބައްސާމް ގެ މައްޗަށް އެފްއޭއެމް އަށް ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދައުވާ އުފުލުމާއި ގުޅިގެން މީގެ ކުރިން ކްރިމިނަލް ކޯޓުން ތަހުގީގުގެ ބޭނުމަށް މި މަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރުނު ނަމަވެސް ދައުލަތުން ވަނީ ބައްސާމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދިފައެވެ.
އެއާއިއެކު މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ ދައުލަތުގެ ހުށަހެޅުމަށާއި ދިފާއުގައި ބައްސާމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިއާޔަތް ކުރުމަށް ފަހު، ބައްސާމް ގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނިންމަވާފައެވެ.
މަނީ ލޯންޑްރިން އާއި ހިޔާނާތުގެ ދައުވާ ބައްސާމް ގެ މައްޗަށް އުފުލާފައިވާއިރު، އޭގެ ތެރޭގައި އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށާއި ފީފާ އިން އެފްއޭއެމް އަށް ދިން ފައިސާތަކެއް އަމިއްލަ އެކައުންޓަށް ޖަމާ ކުރި ކަމުގެ ތުހުމަތު ހިމެނެއެވެ.
މިއިން ދުވަހަކު ފުޓުބޯޅަ ނުދާހާ ދަށަށް ގޮސް ކްލަބުތަކަށާއި ކުޅުންތެރިންނަށް އަދި މުވައްޒަފުންނަށް ދޭންޖެހޭ ފައިސާ ގިނަ އަދަދަކަށް ނުދީ ހުރިކަން ފާހަގަ ކުރެވެއެވެ.