މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނުނީ ގެއްލިގެން ހޯދަމުން އައި އައިމަން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ މ. ރަބީއުވިލާ އިން މަރުވެފައި އޮއްވައި ފެނުނީ އައިމަން ކަން ޔަގީންކުރެވިފައިވާ ކަމަށާއި، އެކަން އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށެވެ.
މި މަރުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަންފަށައިވާ ކަމަށް ބުނެ، މިއަދު މެންދުރުކުރިން މީސްމީޑިއާ ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މއ. ބޯޅަކިންކިރިމާގެ، އަޙްމަދު އައިމަން (30އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އޭނާ ގެއްލުމާއި ގުޅިގެން ފުލުހުން ބުނީ އަޙްމަދު އައިމަން އެންމެ ފަހުން ފެނިފައިވަނީ މެއި 16 ވަނަ ދުވަހުގެ 21:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
މިއަދު ހަވީރު ފުލުހުން މީޑީއާތަކަށް މައުލޫމާތު ދިން ގޮތުގައި މާފަންނު ގެއެއްގެ ގްރައުންޑް ފްލޯގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓު މިއަދުގެ 14:20 އެހާކަންހާއިރު ލިބިފައި ވާތީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާ މަރުވެފައި އޮއްވާ ފެނުނީ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މަރާއިއެކު މި ހިނގާ މޭމަހު މާލެއިން، މަރުވެފައި އޮތް 3 މީހުންވަނީ ފެނިފައެވެ. އެގޮތުން ބަނޑޭރިކޮށީގައި ހުންނަ މީހުން ނޫޅޭ އެޕާޓުމެންޓަކުންވެސް މަރުވެފައި އޮތް ދިވެހި ފިރިހެނަކު ވަނީ ފެނިފައެވެ. އަދި ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭނެއްގެ ތެރެއިންވެސް މަރުވެފައި އޮތް ބިދޭސީ ފިރިހެނަކު ވަނީ ފެނިފައެވެ.