އީރާނުގެ ރައީސް އިބުރާހީމް ރައީސީ، ރައީސީ ވަނީ އިއްޔެ އަވަހާރަވެފައި.

އީރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރަން އަންގައިފި!

އީރާނުގެ ރައީސް އިބުރާހީމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ ތަޙުޤީޤު ކުރަން އަންގައިފިއެވެ.

އީރާނުގެ ރައީސާ ޚާރިޖީ ވަޒީރު އަދި ބައެއް އިސް އޮފިޝަލުން ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ ތަޙުޤީޤު ކުރަން އަންގާފައިވަނީ އީރާނުގެ އަސްކަރީ ޗީފް އޮފް ސްޓާފް މުޙައްމަދު ބަގޭރީ ކަމަށް އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އުމުރުފުޅުން 63 އަހަރުގެ އިބުރާހީމް ރައީސީ އަވަހާރަވެފައިވަނީ އީރާނާ އާޒަރުބައިޖާން ގުޅޭ ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި އިރާނަށް ވަޑައިގެންނެވި މަގުމަތީގައެވެ.

މި ދަތުރުފުޅުގައި ރައީސީގެ އަރިހުގައި ދަތުރުކުރެއްވި އީރާނުގެ ޚާރިޖީ ވަޒީރު އަމީރު ޢަބްދުﷲހަޔާން، އިރުމަތީ އާޒަރުބައިޖާންގެ ގަވަރުނަރ މަލިކު ރަޙުމަތީ، ތަބްރީޒީ މިސްކިތުގެ އިމާމު އަލްޙާޝިމީ ވަނީ އަވަހާރަވެފައެވެ.

އާޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަށްފަހު އިއްޔެ ހަވީރު އެ ހެލިކޮޕްޓަރު ދަތުރު ކުރީ ވަރަށް ބޮޑަށް މޫސުން ގޯސް، ބޯ ދުންފުނީގެ އަސަރު ކުރަމުން ދިޔަ ފަރުބަދަތަކެއްގެ ކައިރިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުންނާއި މޫސުން ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން 15 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވިއެވެ. އަދި ރެޑް ކްރެސެންޓުގެ ރެސްކިއު ޓީމުތަކަށް އެ ސަރަހައްދަށް ދެވުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އިރާންގެ ރެޑް ކްރެސެންޓު ޓީމުތަކުން އެ ސަރަހައްދަށް ދިޔައިރު، ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރުގެ ބޮޑު ބައި ވަނީ އަނދައި އަޅިއަށް ވެފައެވެ.

އިބުރާހީމް ރައިސީ ރައީސް ކަމަށް ވަޑައިގެންނެވީ 2021 ވަނަ އަހަރުއެވެ. އީރާނުގެ ޤާނޫނު އަސާސީގައިވާގޮތުން އިރާނުގެ ވަގުތީ ރައީސްކަމާއި ދެން ހަވާލުވެވަޑައިގަންނަވާނީ ރައީސީގެ ފުރަތަމަ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު މުޚުބާރުއެވެ. އޭނާ ވަގުތީ ރައީސްކަމުގެ މަގާމްގައި ހުންނަވާނީ ކުރިޔަށް އޮތް 50 ދުވަހުގެ ތެރޭގައި އެޤައުމުގައި ރިޔާސީ އިންތިޚާބެއް ބޭއްވެންދެނެވެ.

advertisement
ހިޔާލު ދެއްވާ!