ބެންކޮކްގެ ސަންގޫރިލާ ހޮޓަލުގައި ބޭއްވި 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ތަގުރީރު ކުރައްވައިފިއެވެ.
މިނިސްޓަރު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި، ކަނޑުމަހުގެ ސިނާއަތަށް ރާއްޖޭގެ ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖިކް ތަސައްވުރުގެ ތަފްސީލު ދެއްވިއެވެ. ރާއްޖޭގައި ކަނޑުމަހުގެ އުފެއްދުންތެރިކަން އިތުރުކޮށް، މަހުގެ އަގު ބޮޑުކޮށް، ފިނިކޮށްފައިވާ ކަނޑުމަހުގެ އެކްސްޕޯޓް ކުޑަކުރުމަށް ރާވާފައިވާކަން އިއުލާން ކުރެއްވި އެވެ. މި މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ސަރުކާރުން މަސް ޕްރޮސެސްކުރާ ފެކްޓްރީތައް ގާއިމުކުރަން ހަމަޖައްސާފައިވަނީ ފ. ނިލަންދޫ އާއި ގދ. ފިޔޯރީގައެވެ.
މީގެ އިތުރުން އެކި ދާއިރާތަކުން ފޮސިލް ފިއުލް އަށް ބަރޯސާވުން މަދުކުރުމާއި އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ސަރުކާރުން ވައުދުވެފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ތަސައްވުރުގައި މަސްވެރިކަމުގެ އުފެއްދުންތެރިކަމާއި ދަތުރުފަތުރުގައި ބޭނުންކުރާ ހަކަތަގެ 35 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ހިމެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި 40 ގައުމަކުން 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.