ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގެ ތެރެއިން މިމަހުގެ 13 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނިފައިވާ މީހާގެ މަޢުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މީހުން ނޫޅޭ މި އެޕާޓްމެންޓްގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ގދ. ހޯޑެއްދޫ އަށް ނިސްބަތްވާ 30 އަހަރުގެ ހައްމާދު ސަޢީދު ކަމަށެވެ.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ބަލާ ފާސްކުރިއިރު އެ އެޕާޓްމެންޓްގެ ތެރެއިން އުމުރުން 30 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވާއިރު، އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެސް ވެފައެވެ.
އެހެންކަމުން ހައްމާދު ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުވަނީ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ އާއި ހަމައަށް ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގައެވެ. އެ މީހާގެ މަރުގެ ހާލަތު ހާމަކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު ތަހުގީގު ކުރިއަށް އެބަދެއެވެ.