ހުޅުމާލެ ފޭސް2ގައި ހުންނަ ހިޔާފުލެޓަކަށް މީހުން ވައްދައި ރަހީނުކޮށް، ފޭރޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހިޔާފުލެޓްގެ މީހުން ހަދާފައިވާ ވައިބަރ ގުރޫޕްގައި މިކަން ހާމަކުރަމުން މީހަކު ބުނެފައިވަނީ ފޭސް2ގެ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ބައެއް އަންހެނުންގެ ފަރާތުން ފިރިހެނުން ކިޑްނެޕް ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެކި ވާހަކަ ދައްކައިގެން ފިރިހެނުން ހައްދައިގެން، ފޭސް2ގެ ޓަވަރެއްގެ އެޕާޓްމެންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެމައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މިކަމާއިގުޅިގެން މީސްމީޑިއާގައި ބައެއް މީހުން ބުނެފައިވަނީ އަންހެނަކު އެ ސަރަހައްދުން ދިމާވާ އުމުރުން ދޮށީ ފިރިހެނުންނާ ވާހަކަދައްކާ، ފުލެޓަށް ދިއުމަށް ދަޢުވަތުދީ އޭނާ ގެންދާތަނުން ފުލެޓްގައި ފިލާތިބޭ ފިރިހެނުންތަކެއް ދޮރުތަޅުލަނީ ކަމަށެވެ.
އެމީހުން އެ ފިރިހެންމީހާ ގަދަކަމުން ބަރަހަނާކޮށް ވީޑިއޯކޮށް ބުލެކްމެއިލްކޮށް ބިރުދައްކާ، އޭނާގެ އެކައުންޓުން އެމީހުން ބުނާ އެކައުންޓަކަށް ލާރި ޓްރާންސްފަރ ކުރަން މަޖުބޫރު ކުރުވަނީ ކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
މިފަދަ ކަންކަމާއި ގުޅިގެން ފުލުހުންގެ އިލްތިމާސަކީ ގޮތްނޭނގޭ މީހުން އެގޮތަށް ތަންތަނަށް ދާން އެދުނުކަމުގައި ވިޔަސް އެތަނަކަށް ނުދިއުމެވެ.
ރާއްޖޭގައި ފަހަކަށް އައިސް އެކި ގޮތްގޮތުން މީހުންގެ އަތުން ފައިސާއާ އެހެނިހެން ތަކެތި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ. ފުލުހުންގެ ތަފާސްހިސާބު ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ފޭރުމުގެ 201 މައްސަލަ ހުށަހަޅާފައިވެއެވެ.