ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ގުރައިދޫ މަރުކަޒުން 15 މީހަކު ޢާއިލާއާ ހަވާލުކޮށްފި

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދިނުމަށްފަހު 15 މީހަކު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން މިހެން ބުނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް ރީހެބިލިޓޭޓްކުރުމުގެ ގޮތުން މަރުކަޒުގައި ހިންގަމުންދާ އަދި ކުރިއަށް ރޭވިފައި ހުރި ހުނަރު ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ 1976 ވަނަ އަހަރު ކ. ގުރައިދޫ ޤާއިމްކުރި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ތިބީ ޖުމްލަ 220 މީހުންކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 133 ފިރިހެނުންނާއި، 87 އަންހެނުންނެވެ. މީގެތެރޭގައި 65 އަހަރުން މަތީގެ 31 މީހުން ހިމެނޭކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި އެނދުމަތިވެފައިވާ 15 މީހަކާއި، ނަފްސާނީގޮތުން ބަލި 183 މީހުންވެސް ހިމެނޭކަމަށެވެ.

އެ ވުޒާރާއިން ބުނީ ކ.ގުރައިދޫ މަރުކަޒުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ މީހުން މުޖުތަމަޢަށް އަނބުރާ ހަވާލުކުރުމަށް ބޮޑު އިސްކަމެއްދެއްވާކަމަށެވެ.

 ކ. ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ މީހުން ރީހެބިލިޓޭޓްކޮށް، އައު ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމުތައް މިހާރު އެރުކަރުކަޒުގައި ކުރިއަށްގެންދާކަމަށް ވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

އެގޮތުން އެ މަރުކަޒުގައި ތިބި އަންހެން ކްލައިންޓުންނަށް ޚާއްސަކޮށް، ޕޮލިޓެކްނިކާ ގުޅިގެން ކޭކް އެޅުމުގެ ކޯހެއް މިދިޔަ ހަފްތާގެ ތެރޭގައި ބާއްވާފައިވާކަމަށާއި، އެ ކޯސް 10 ފަރާތަކުން ފުރިހަމަކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން މައުލޫތުދެއެވެ. މީގެއިތުރުން، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ކަސްރަތު ޕްރޮގްރާމްތަކާއި އިޖުތިމާޢީ އެއްވުންތައް މަރުކަޒުގައި ތިބޭ ފަރާތްތަކަށް ކުރިއަށްގެންދާކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުންޏެވެ.

އަދި ކުރިއަށް އޮތް ތަނުގައި އަމިއްލަ ފަރާތްތަކާއި މުއައްސަސާތަކާއި ގުޅިގެން ގިނަ ޕްރޮގްރާމްތަކެއް އެމަރުކަޒުގައި ހިންގުމަށް ރާއްވަވާފައިވާ ކަމަށްވެސް ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ގަސް އިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި ކުރެހުމާއި އަތު މަސައްކަތުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިފަދަ ހުނަރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އެންމެ މައިގަނޑު މަޤުޞަދަކީ އެވުޒާރާގެ ބެލެނިވެރިކަމުގެ ދަށުގައި ފަރުވާ ހޯދަމުން އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިގެންވާ ފަރާތަކަށް ހެދުން ކަމަށްވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!