ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އިއްޔެގެ ނިޔަލަށް މާލީ ބަޔާން ހުށައަޅާފައިވަނީ 91 ކެންޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މާލީ ބަޔާން ހުށައެޅި 91 ކެންޑިޑޭޓުންގެ ތެރެއިން 56 މީހުންނަކީ ޕާޓީތަކުން ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށެވެ. އަދި މާލީ ބަޔާން ހުށައެޅި 35 މީހުންނަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށްވެސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ހަދާފައިވާ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެއެވެ. އެހެންކަމުން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މާލީ ބަޔާން ހުށައަޅަންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅާއިރު ފައިސާއާއި މުދާ ހިމެނޭ ގޮތުން އިންތިޚާބާ ގުޅިގެން އެ ކެންޑިޑޭޓެއް ކޮށްފައިވާ ހުރިހާ ޚަރަދުތަކެއްގެ ތަފްސީލު ހުށައަޅަންޖެހޭނެ ކަމަށެވެ. އަދި އިންތިޚާބުގައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭ ގޮތަށް އެ ޚަރަދުތަކުގެ ތަފްސީލުވެސް ހުށައަޅަންޖެހޭނެއެވެ.
އެގޮތުން އިންތިޚާބަށް ޚަރަދުކުރުމަށް ފައިސާ ހޯދިގޮތުގެ ތަފްސީލާއި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާއާއި ތަކެތި ދިން ފަރާތްތަކާ އެފަރާތްތަކުން ދިން މިންވަރުގެ ތަފްސީލުވެސް މާލީ ބަޔާނުގައި އޮންނަން ޖެހޭނެ ކަމަށެވެ.
ޤާނޫނުގައި ބުނާ މުއްދަތަށް މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި އޮންނަ ގޮތަށް ފިޔަވަޅު އެޅޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.
އެގޮތުން މި ޤާނޫނުގެ 74 ވަނަ މާއްދާގައި އޮންނަ ގޮތުން ވަކި ކަމެއް ކުރުމަށް އެޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެކެވެ. އަދި އޭގެ އަދަބެއްގެ ގޮތުން، 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި، 24،000 ރުފިޔާއާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރިއެވެ.