ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު-- ފޮޓޯ: ޕީއެސްއެމް

ޖަމިއްޔާތަކުން ހިންގާ އިޖްތިމާއީ ހަރަކާތްތަކަށް ފައިސާގެ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން، އިޖްތިމާއީ މަޝްރޫތަކަށް ފައިސާގެ އެހީ ދޭން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިޖުތިމާޢީ  މުޖުތަމައު ބާރުވެރި ކުރުމަށް ޖަމިއްޔާތަކުން ހިންގާ އިޖުތިމާޢީ ހަރަކާތްތަކަށް އެހީ ހޯދުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ޖަމިއްޔާތަކާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމިއްޔާތަކަށް އެކަނި ކަމަށެވެ.

އަދި އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 13:00 ކަމަށާ ޕްރޮޕޯސަލް ހުށަހަޅާނީ [email protected] އީމެއިލް މެދުވެރިކޮށް ކަމަށެވެ.

އެހީ ހޯދުމަށް މި ޕްރޮޕޯސަލާއެކު ހުށަހަޅަން ޖެހޭ ތަކެއްޗަކީ:

  • ޖަމިއްޔާގެ ރަޖިސްޓަރީގެ ކޮޕީ
  • މަޝްރޫއު ނުވަތަ ހަރަކާތުގެ އެކިއެކި ކަންތައްތަކާ ހަވާލުވާ ފަރާތްތައް ކަމުގައި ޕްރޮޕޯސަލްގައި ހިމަނާފައިވާ ފަރާތްތަކުގެ އައިޑީކާޑު ކޮޕީ
  • ރަށު ތަރައްގީ ޕްލޭންގައި ހިމެނޭ ޕްރޮޖެކްޓެއްނަމަ، ކައުންސިލް އިދާރާއިން ދޫކޮށްފައިވާ ލިޔުން
  • މަޝްރޫއު ނުވަތަ ހަރަކާތާއި ގުޅޭ އެހެނިހެން ލިޔެކިޔުން

ޔޫތު މިނިސްޓްރީން ބުނީ މަދަނީ ޖަމިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ފުޅާކުރުން ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތަކަށް ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!