މި ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދޮށީ އުމުރުގެ މީހުންނާ އެކު ނުވަތަ އެ މީހުން ބަލަހައްޓާ މީހުންނަށް އިތުރު ޕޮއިންޓު ލިބޭ ގޮތް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުއްވުމަށް ނިންމަވާފައެވެ.
މީގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
ރައީސް މުޢިއްޒު ވަނީ އެކަހެރިކޮށް ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ދޫކުރާ ފުލެޓާއި އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ ސިޔާސަތެއް ވެސް އެކަށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މާލޭގެ ގާއިމް ކުރާ އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވަނީ، އިސްރަށްވެހިންނަށް ދޭންވާ އިސްކަން ސަރުކާރުން ދެއްވާނެ ކަމަށާއި އަދި އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިންގެ ތެރޭގައި ވެސް ޚާއްސަކޮށް ދޮށީ އުމުރުގެ މީހުންނާއި ޒުވާނުންގެ ކަންކަމުގައި ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.