މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ދިޔަރެސް

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ބުނެފި

ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހު މޫސުން އިތުރަށް ގޯސްވާނެ ކަމަށް މެޓްއޮފީހުން މިއަދު ބުނެފިއެވެ.

ޚާއްސަކޮށް ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފިއެވެ. މެޓް އޮފީހުން އިލްތިމާސް ކުރަނީ މި މުއްދަތުގެ ތެރޭގައި ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން ބައެއް ރަށްރަށް އުދައިގ އަސަރު ކޮށްފާނެކަމަށް ވެސް އެ އޮފީހުން ބުނެއެވެ. ރާއްޖެއަށް ދޭތެރެ ދޭތެރެއިން މޫސުން ގޯސްވާއިރު، މިއަހަރުގެ ހުޅަނގުގެ މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިދިޔަ ހުކުރު ދުވަހު ވަނީ ފެށިފައެވެ.

މި ހަފްތާގައި މެޓް އޮފީހުން ވަނީ ހުޅަނގު މޫސުމުގެ މޫސުމުގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް އާދަޔާ ޚިލާފަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ އިންޒާރެއް ނެރެފައެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް ޖުލައި، އޮގަސްޓް، އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް އެވްރެޖަށް ވުރެ މައްޗަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ. މިއާ ހިލާފަށް ދެކުނުގެ ސަރަހައްދުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް ލަފާކުރެވެ އެވެ.

މީގެ އިތުރުން މުޅި ރާއްޖޭގައި މި މުއްދަތުގައި ހޫނުމިން އާންމު ހާލަތަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވެ އެވެ. މި އާދަޔާ ހިލާފު މޫސުމީ ހާލަތްތަކަށް ތައްޔާރުވެ، އިތުރު ލަފާތަކާއި ލަފާތަކުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ލަފާދެއެވެ.

advertisement
ހިޔާލު ދެއްވާ!