މި ލިޔުމުގައި ބަލާލާނީ ފަތުރުވެރިކަމުގެ ނާރެހުގައި ދިވެހިރާއްޖެ ދުނިޔޭގެ ފެންވަރުގައި ދަމަހައްޓަމުން އަންނަ ފަޚުރުވެރި، އަދި އެހާމެ ޝަރަފުވެރި މަޤާމު، ކުރިމަގުގައި ދަމަހައްޓާ، ހިފެހެއްޓިދާނެ ފަދަ "ޓެގްލައިނެއް" ޚިޔާރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ޢިލްމީ ނަޒަރަކުން "ޓެގްލައިން" އާއި "ޝިޢާރު" އަކީ ކޮބައިކަމާއި، އޭގެ ތަފާތުތަކާއި، ބޭނުންކުރާ ބައެއް ގޮތްތަކާއި، ބަދަލުކުރަން ޖެހޭ ބައެއް ޙާލަތްތަކުގެ މައްޗަށެވެ.
ދުނިޔޭގައި އުފެދިފައިވާ ހުރިހާ ބްރޭންޑް ތަކެއްގައިވެސް، އެ ބްރޭންޑެއް އަމާޒުހިފާ ގިންތިއެއްގެ ނުވަތަ ފަންތިއެއްގެ ކަސްޓަމަރުންގެ މެދުގައި، އެ ބްރޭންޑެއްގެ މުދަލާއި ޚިދުމަތަށް އޮންނަ ޝައުޤުވެރިކަން އުފައްދާ، ހިތްޖައްސުވާ، މަޤްބޫލުކަން އިތުރުކޮށް، އެ ބްރޭންޑަކުން އުފައްދާ މުދަލާއި ޚިދުމަތުގެ އަގު މަތިކުރުމަށް އަމާޒުހިފައިގެން އުފައްދާފައިވާ، ހަނދާންކުރަން ފަސޭހަ، ކިޔާލަން ކުރު، އަދި އެހާމެ ރީތި، މާނަ ފުން، އިބާރާތެއް ނުވަތަ "ޓެގްލައިނެއް" ނުވަތަ "ޝިޢާރެއް" ވާނެކަމީ ކަށަވަރު ކަމެކެވެ.
މިފަދަ ކޮންމެ ޓެގްލައިނަކުން އެ ބްރޭންޑެއްގެ މުދަލާއި ޚިދުމަތުގެ އަގު މަތިކޮށްދީ، ބޭނުންކުރާ ފަރާތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެއެވެ. އަދި އެފަދަ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ އެހެން ބްރޭންޑްތަކާ ތަފާތު ކުރުވާ މައިގަނޑު ސަބަބުތައް، އެ ޓެގްލައިނަކުން ނުވަތަ ޝިޢާރަކުން ރަމްޒު ކޮށްދޭނެވެސް މެއެވެ.
މިފަދަ މުހިންމު މަޤްޞަދެއް ޙާޞިލްކުރުމަށް ބްރޭންޑްތަކުން އުފައްދާފައިވާ "ޓެގްލައިން" ތަކާއި "ސްލޯގަން" ނުވަތަ "ޝިޢާރު" ތައް ތަފާތު ސަބަބުތަކާހެދި، ބަދަލު ކުރުމަކީ މަދުންނަމަވެސް ކުރާކަމެކެވެ. ބައެއްފަހަރު ބްރޭންޑެއްގެ މަޤްބޫލުކަން ގެއްލި، ވިޔަފާރީގައި ނާކާމިޔާބާއި ކުރިމަތިވާ ހިސާބުންނެވެ. ނުވަތަ، އެއް ޓެގްލައިނެއް ބޭނުންކުރާތާ އެތަކެއް ދުވަހެއްވެ، ވަގުތާއި ޙާލަތާއި ޒަމާނަށް ނުފެތޭކަމަށް ބެލެވެން ފެށުމުންނެވެ.
ބައެއްފަހަރު ޚިދުމަތް ހޯދާމީހުން އިތުރުވެ، އުފައްދާ މުދަލާއި ޚިދުމަތުގެ ފެންވަރު އުފުލި، މުދާތަކުގެ ވައްތަރުތަށް ގިނަވެ، ގިންތިތައް އިތުރުވެ، ކުރިން އަމާޒުހިފި ކަސްޓަމަރުން ނޫންބަޔަކަށް، އަމާޒުހިފާން ޖެހުމުންނެވެ. އަނެއްބައިފަހަރު އެފަދަ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ވާދަވެރި ބްރޭންޑްތަކުގެ އުނދަގުލުން ސަލާމަތްވެ، ތަފާތު ގޮތަކަށް ކަސްޓަމަރުންގެ ސަމާލުކަން ހޯދާ، އެ ބްރޭންޑަކާމެދު ކަސްޓަމަރުންގެ ހިތުގައި އާ ތަޞައްވުރެއް އުފައްދާ، އާ ޖާދުލެއްގައި ވީހާވެސް ގިނަބަޔަކު ޖެއްސުމުގެ ބޭނުމުގައިވެސް މެއެވެ.
ޢާއްމު ގޮތެއްގައި، "ޓެގްލައިނަކީ" އެ ބްރޭންޑަކުން ބުނެދޭން ބޭނުންވާ މައިގަނޑު މެސެޖު ނުވަތަ 'ވެލިއު ޕްރޮޕޮޒިޝަން' އެކުލެވޭ ކުރު އިބާރާތެކެވެ. ގިނަ ފަހަރަށް ޓެގްލައިން ބޭނުންކުރަނީ، އެ ބްރޭންޑެއްގެ ލޯގޯއާ އެކު، އެކި މާކެޓިން މެޓީރިއަލް ތަކުގައި، އެއްގޮތަކަށް ނުވަތަ އެއް ފަރުމާއަކަށް ބައްޓަން ކޮށްގެންނެވެ. އާންމުކޮށް ޓެގްލައިނަކީ ދާއިމީކޮށް، ދިގު މުއްދަތަކަށް ދެމިގެންދާ ފަދަ ގޮތަކަށް ބޭނުންކުރާ، އަދި އެއީ ބްރޭންޑްގެ ޖުމްލަ 'އައިޑެންޓިޓީ' އާއި ޕޮޒިޝަން ދައްކުވައިދޭ، ނުވަތަ އަންގައިދޭ އެއް ބަހާއެވެ.
ޓެގްލައިނާއި ޚިލާފަށް، ބްރޭންޑް "ސްލޯގަން" ނުވަތަ "ޝިއާރަކީ" ވަކިވަކި ކެމްޕޭންތަކެއް ނުވަތަ ޕްރޮމޯޝަން ތަކެއްގައި ބޭނުންކުރާ 'ކެޗީ' އަދި ހަނދާންކުރަން ފަސޭހަ އިބާރާތެކެވެ. ޓެގްލައިނާ ހިލާފަށް ޝިއާރަކީ ވަގުތީ އެއްޗެކެވެ. ގިނަފަހަރަށް ޝިއާރުތަކުގެ މަޤްޞަދަކީ، ކޮންސިއުމަރުންނާއި ބްރޭންޑާއިމެދު ޖަޒުބާތީ ގުޅުމެއް އުފެއްދުމާއި، ގާތް އިޙްސާސްތަކެއް އުފެއްދުމާއި، ނުވަތަ އެ ބްރޭންޑެއްގެ އުފެއްދުމެއް ނުވަތަ ޚިދުމަތެއްގެ ޚާއްޞަ ސޭލްސް ޕޮއިންޓެއް ފާހަގަކުރުމެވެ. މިސާލަކަށް 'މެކްޑޮނަލްޑްސްގެ' ޝިއާރު "އައިމް ލަވިން އިޓް" ގައި ބޮޑަށް އަލިއަޅުވާލާފައިވަނީ، ކާނާ ކެއުމުން މީހުންނަށް ލިބޭ ރާހަތާއި، އުފަލާއި، ހިތްހަމަޖެހުމަށެވެ. ނުވަތަ އެކްސައިޓްމެންޓަށެވެ.
ކުރުކޮށް ދަންނަވާނަމަ، ބްރޭންޑް ޓެގްލައިނަކީ ޖުމްލަ ބްރޭންޑް އައިޑެންޓިޓީ ތަމްސީލުކުރާ، އަދި މާ ދާއިމީ އެއްޗަކަށް ވާއިރު، ބްރޭންޑް ޝިއާރަކީ ވަގުތީ އެއްޗަކަށް ވެފައި، އެއީ ވަކި މާކެޓިން ކެމްޕޭންތަކަށް ނުވަތަ ޕްރޮމޯޝަންތަކަށް ސަޕޯޓް ކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ޓެގްލައިނާއި ޝިއާރުންވެސް، އެ ބްރޭންޑަކުން ބުނެދޭން ބޭނުންވާ މައިގަނޑު މެސެޖު ފޯރުކޮށްދިނުމާއި، ބްރޭންޑްގެ ރިކޮގްނިޝަން އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރެ އެވެ.