އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ކުރި އަމުރަށް ދުނިޔޭގެ އެންމެ ބާރުގަދަ އެއް ޤައުމު ކަމަށްވާ އެމެރިކާއިން ނުރުހުން ފާޅުކޮށްފިއެވެ.
އައިސީސީން ކުރި އަމުރުގައި އެދިފައިވަނީ ނަތަންޔާހޫގެ އާއި އެޤައުމުގެ އިސް މަޤާމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޑިފެންސް މިނިސްޓަރ، ޔޯވް ގަލަންޓް އާއި ހަމާސް ޖަމާއަތުގެ ތިން ލީޑަރުން ހައްޔަރު ކުރުމަށް ކަން ފާހަގަކުރެވެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ބުނެފައިވަނީ އެއަމުރަކީ ވަރަށް ދެރަ ކަމެއްގެ ގޮތުގައެވެ. އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓަނީ ބްލިންކެން ނެރެފައިވާ ބަޔާނެއްގައި ބުނީ މިކަމާއިމެދު ސުވާލު އުފެދޭ ކަމަށާއި އެއީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށެވެ.
ހަމައެހެންމެ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލާއި ހަމާސް ޖަމާއަތް ހަމަހަމަ ނުވާނެ ކަމަށާއި ހަމާސް ޖަމާއަތަކީ ރަހުމެއްނެތި ގަތުލުއާންމު ހިންގަމުން އަންނަ ބައެއް ކަމަށެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ކާން ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރެއިން ހަމާސް ޖަމާއަތުގެ ތިން ލީޑަރުންގެ މައްޗަށް އުފުލުމަށް ނިންމާފައިވަނީ ބަންދުގައި ބަހައްޓައިގެން ނައްތާލުމާއި މީހުން މެރުމާއި ރަހީނު ކުރުމާއި ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.
އަދި ނަތަންޔާހޫއާއި ގަލަންޓްގެ މައްޗަށް އުފުލާ ދައުވާތަކަކީ ނައްތާލުމަށް މަގުފަހިކޮށްދިނުމާއި ހަނގުރާމަ ކުރުމުގެ ނަމުގައި ބަނޑުހައިހޫނުކަން އުފައްދައި އިންސާނީ އެހީގެ ސާމާނު ނުދިނުމާއި އާންމުންނަށް އަމާޒުކުރުމުގެ ކުށުގެ ދައުވާ ކަމަށް ކަރީމް ވިދާޅުވެފައިވެއެވެ.
މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 35،173 އަށްވުރެ މައްޗަށްވަނީ އަރާފައެވެ.