މިފްކޯގެ އެމްޑީ މަޤާމުން ވަކިކޮށްފި

މިފްކޯގެ ސީއީއޯގެ މަގާމުންނާއި ބޯޑު ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަމާހު ރަޝީދު ވަކިކޮށްފިއެވެ.

ޕީސީބީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ވާގޮތުން މިފްކޯގެ ސީއީއޯގެ މަޤާމުގައި ހުންނެވި އަލްފާޟިލް އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ވަނީ ވަކިކޮށްފައެވެ. އެހެންނަމަވެސް، އެއްވެސް އިތުރު ތަފްޞީލެއް ހާމަކޮށްފައިނުވެއެވެ.

ޕީސީބީން ޝަމާހު ވަކިކޮށްފައިވާއިރު، މާޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 24 ވަނަ ދުވަހާ ހަމަައަށް ޝަމާހު ހުންނެވީވެސް ސަސްޕެންޝަނުގައެވެ. ސަސްޕެންޝަން އުވާލިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ޕީސީބީން ޝަމާހު ސަސްޕެންޑްކޮށްފައިވަނީ ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަ ދަށްކުރުމާއި ސަބަބެއްނެތި ޑިޕާޓްމަންޓްތައް ބަދަލުކުރުން ހިމެނޭހެން 12 ތުހުމަތެއްގައެވެ. ޝަމާހު ވަނީ މި ހުރިހާ ތުހުމަތެއް ދޮގުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަމާހު އަކީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއްގެ ފިކަލުންނެވެ.

advertisement
ހިޔާލު ދެއްވާ!