ފޮޓޯ: ރައީސް އޮފީސް

އީރާނުގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އާދަމް ޝަރީފް ފުރާވަޑައިގެންފި!

އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްﷲ ހިޔާންއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމަށާ، އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށާ، އަދި އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ދެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު، މިރޭ އީރާނަށް ފުރާވަޑައިގެންފިއެވެ.

އިއްޔެގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރު އަވަހާރަވި ހިތާމަވެރި ޚަބަރާ ގުޅިގެން އީރާނުގެ އިންތިޤާލީ ރައީސް މުޙައްމަދު މުޚްބަރުއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެސެޖްގައި ވަނީ އީރާނަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އެ ޤައުމުގެ ސަރުކާރާ ރައްޔިތުންނާއެކު ދިވެހި ސަރުކާރާ ރައްޔިތުން ތިބިކަން ހާމަކުރައްވައިފައެވެ.

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރެއްވުމުގެ ގޮތުން، 21 މެއި 2024 ވީ އަންގާރަދުވަހުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

އުމުރުފުޅުން 63 އަހަރުގެ އިބުރާހީމް ރައީސީ އަވަހާރަވެފައިވަނީ، މިމަހުގެ 19 ވަނަ ދުވަހު އީރާނާ އާޒަރުބައިޖާން ގުޅޭ ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާޙް ކުރެއްވުމަށްފަހު އެނބުރި އިރާނަށް ވަޑައިގެންނެވި މަގުމަތީގައި މޫސުން ގޯސްވެ އެމަނިކުފާނު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓިގެންނެވެ.

advertisement
ހިޔާލު ދެއްވާ!