ދިވެހިރާއްޖޭގައި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ތަޢުލީމީ ކަންކަމާއި އެކު މާލީ މަސްއޫލިއްޔަތުތައްވެސް އަދާކުރަން މަޖުބޫރުވެފައެވެ. އެގޮތުން މިދެކަންތައް ބެލެންސް ކުރުމުގައި އެކުދިންނަށް ދަތިތަކަކާއި ކުރިމަތިލާން ޖެހެއެވެ.
ސަރުކާރުގެ ފަސްޓް ޑިގްރީ ސްކީމްގައި ކޮލެޖް ދަރިވަރުންގެ ޓިއުޝަންފީ ކަވަރުކޮށްގެން ކޮންމެހެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ފެށުންވީ އުއްމީދުއެލިފައި ތިބި އެތައް ކުދިންނެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި ކަމަކަށެވެ. އެހެންނަމަވެސް، އެއީ އެމީހުންގެ ހުރިހާ ޚަރަދެއް ފޫބެއްދުމަށް ފުދޭވަރުގެ ކަމެއްނޫނެވެ.
އަތޮޅުތެރޭގެ ގިނަ ދަރިވަރުން މާލެ އަންނަނީ ތަޢުލީމީ ރޮނގުން އެންމެ ބޮޑަށް ކުރިއެރެން އޮންނަ ތަނަކީ އެއީ ކަމަށްވާތީއެވެ. މައިންބަފައިން މިކުދިން ކިޔަވަން ފޮނުވަނީ އެތައް ޤުރުބާނީއެއް ވުމަށްފަހުގައެވެ.
ރިހޭ ފަޔާއެކުވެސް ރަށުތެރެ ކުނިކަހަން ދަނީ އިތުރަށް ފައިސާ ރައްކާކުރުމުގެ އުއްމީދުގައެވެ. ނުވަތަ ގަދައަވީގައި ރެޔާއި ދުވާލު މަސައްކަތް ކުރަނީ ދަރިފުޅުގެ ކޯސް ފީ ވަގުތަށް ދެއްކޭތޯއެވެ. ނަމަވެސް ކުރަމުންދާ އެތައް ބުރަ މަސައްކަތާއެކުވެސް، ހުރިހާ ޚަރަދެއް ނުބެލެހެއްޓޭ ބެލެނިވެރިން އެބަތިއްބެވެ. ނުކޮށްދޭކަށް ނޫނެވެ. ޙާލަތުގެ ސަބަބުން މަޖުބޫރުވެފައެވެ.
މިއާއެކު މަތީ ތައުލީމު ޙާސިލް ކުރަމުން އަދާކުރާނެ ވަޒީފާއެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެއްޖެއެވެ. ރަށުގައި މަންމަމެންގެ ކައިރީ އެމީހުންގެ އަޅާލުމާއި ލޯތްބާއެކު އުޅެމުންއައި ކުދިންގެ މާހައުލު ބަދަލުކޮށްލަން މިޖެހެނީ ހަމަ ކުއްލިއަކަށެވެ. ބީރައްޓެހި ގެއެކެވެ. ބީރައްޓެހި ރަށެކެވެ. މާހައުލަށް "އެޑްޖަސްޓް" ވާން އެކުދިންވެސް ވަގުތު ބޭނުންވެއެވެ.
ގޭގެ ކުލި ދެއްކުމާއި ހަމައިން ފެށިގެން ކުލާހަށް ބޭނުންވާ ކުދިބޮޑު އެންމެހާ ތަކެތި ގަތުމާ ހަމައަށް ކުރަން ޖެހޭ ޚަރަދުތައް އެތައް ބައިވަރެވެ. މިކުދިންނަށް މާލީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. ހަމައެކަނި ކިޔެވުމަށް ވަގުތު ހުސްކޮށް "ފޯކަސް" ކުރަން ދަތިވެއެވެ.
ފުރަތަމަ ޑިގްރީ ސްކީމަކީ ފައިދާހުރި ކަމެއް ނަމަވެސް، އޭގެވެސް "ލިމިޓޭޝަންތަކެއް" އެބަހުއްޓެވެ. މިސާލަކަށް ވިލާ ކޮލެޖް ފަދަ އަމިއްލަ މުއައްސަސާތަކުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދައްކައިދެނީ ޓިއުޝަން ފީގެ އެއްބަޔެވެ. މީގެ އިތުރުން ޑިގްރީ ނިންމައި، އެޔަށްވުރެ މައްޗަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހެއެވެ.
އެކުދިންގެ ފަރާތުން ގިނަ ފަހަރަށް އުންމީދު ކުރެވެނީ ކިޔެވުން ކުރިއަށް ގެންދިއުމަށް ނުވަތަ ވަޒީފާއަކަށް މުޅިވަގުތު ހުސްކޮށްލުމަށެވެ. ނަމަވެސް ގިނަ ކުންފުނިތަކުން ދަރިވަރުން ވަޒީފާއަށް ނެގުމަށް ފަސްޖެހެނީ ތައުލީމީ ކޮމިޓްމަންޓްތަކުގެ ސަބަބުން މަސައްކަތުގެ ޒިންމާތަކަށް ހުރަސް އެޅިދާނެ ކަމުގެ ބިރާއެކުއެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ތައުލީމަށް ފައިސާ ހޯދުމުގެ އިތުރުން ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވާ ފަހަރު އާދެއެވެ.
މާލީ ޕްރެޝަރާއެކު އެކަށީގެންވާ ވަޒީފާއެއް ހޯދުމަށް ދިމާވާ ދަތިކަކުގެ ތެރޭގައި ގިނަ ދަރިވަރުންތަކެއް ތިބީ ތާށިވެފައެވެ. އެކުދިން ތިބެނީ ހަމައެކަނި ކިޔެވުމަށް ވަގުތު ހުސްކޮށްލަން ބޭނުންވި ނަމަވެސް އެކަން ކުރެވޭނެ ޙާލަތެއްގައެއް ނޫނެވެ.
ވަޒީފާގެ މާހައުލަށް ނިކުމެ އުޅޭ ކުދިން، އެކުދިން ކުރާ މަސައްކަތާއި އެއްވަރަށް ތަޢުލީމަށް ދޭންޖެހޭ ސަމާލުކަން ދެވޭތޯ މަސައްކަތް ކުރެއެވެ. މިކަމުގެ ސަބަބުން މިކުދިންގެ ނަތީޖާއަށްވެސް ނޭދެވޭ އަސަރުކުރެއެވެ.
އެހެންނަމަވެސް ކެތްތެރިކަމާއި އުއްމީދާއެކީ އެކުދިން ކުރިއަށް ދެއެވެ. އެކުދިންގެ ކުރިމަގު އުޖާލާ ކުރުމުގެ ފޮނި ހުވަފެންތަކާއެކީއެވެ.