މި ދުވަސްވަރު ބުރިޖްމަތިން ސައިކަލުގައި ދާއިރު ކުޑަނަގައިގެން ނުދުއްވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުން މިރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރައްވާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
އެގޮތުން ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާ އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވައިފައެވެ.
އޭގެ އިތުރުން، އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވައިގެން އުޅަނދު ދުއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވައިފައެވެ.
ރާއްޖެއަށް މިދުވަސްވަރު ވަރަށް ބޮޑަށް މޫސުން ގޯސްވެ، ވައިގަދަވެފައިވާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން މިރޭވެސް ވަނީ މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެ އިދާރާއިން ބުނީ މިރޭގެ 8:30ން ފެށިގެން ދަންވަރު 12:30 އާ ހަމައަށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ގަޑިއަކު 28 މޭލާ 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާ ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފައެވެ.