ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް އޮރެންޖް އިންޒާރު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ދެންމެ އޮރެންޖް އިންޒާރު ނެރެފައިވަނީ ބ.އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް މިއަދުގެ ހެނދުނު 6:00 ން ފެށިގެން 9:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދަށް ވައި ގަދަވެ ގަޑިއަކު 34 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ނެރުނު އިންޒާރުގައި ބުނެފައިވެއެވެ.
ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހު މޫސުން އިތުރަށް ގޯސްވާނެ ކަމަށާ ޚާއްސަކޮށް ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.
މި މުއްދަތުގެ ތެރޭގައި ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެ އިދާރާއިން ވަނީ އަންގައިފައިކަން ފާހަގަ ކުރެވެއެވެ.
މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރައްވާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް ފުލުހުންވެސް ރޭ ވަނީ އިލްތިމާސް ކުރައްވާފައިކަން ފާހަގަ ކުރެވެއެވެ.