ޕިކްނިކް އައިލޭންޑް ކުޑަގިރި. ފޮޓޯ: ސޯޝަލްމީޑިއާ

ކަނޑުދަތުރު ނުކުރުމަށާ ފަޅުރަށްރަށާއި ފިނޮޅުތަކަށް ދަތުރު ނުދިއުމަށް ފުލުހުން އިލްތިމާސްކޮށްފި!

ކަނޑުދަތުރު ނުކުރުމަށާ ފަޅުރަށްރަށާއި ފިނޮޅުތަކަށް ދަތުރު ނުދިއުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުން މިއަދު ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އަދި ދަތުރުކުރަން ޖެހިއްޖެ ޙާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވައިފައެވެ.

"އަދި ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް އިލްތިމާސްކުރަން." ފުލުހުންގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް އޮރެންޖް އިންޒާރު ނެރެފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދުގެ ހަވީރާ 4:00 އާ ހަމައަށް، ޅ.އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އޮރެންޖް އިންޒާރު ނެރެފައެވެ.

މި އިންޒާރުގައި މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާ 40 މޭލާދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!