މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ފާތުމަތު ތައުފީޤް، ކުޑީ އެ މަޤާމުން ވަކިކޮށްފިއެވެ.
ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން ކުޑީ ވަކިކޮށްފައިވަނީ ވައްކަމުގެ ބޮޑު ތުޙުމަތެއްގައެވެ.
އެމްއެމްޕީއާރްސީގެ އެމްޑީ ފާތުމަތު ތައުފީގް މަގާމުން ވަކިކޮށްފައިވާ އިރު އެ ކޯޕަރޭޝަންގެ ޗެއާޕާސަން ނޫރައިން ޖަނާހު ރޭ ވަނީ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ.
މީގެއިތުރުން އެމްއެމްޕީއާރުސީ ބޯޑުގައި ހިމެނިވަޑައިގެންނެވި މެމްބަރު ރާފިލް މުހައްމަދު އެ ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ. ރާފިލް އަކީ އެމްއެމްޕީއާރުސީ ބޯޑުގައި މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި ބޭފުޅާ އެވެ.
ރާފިލް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ރަސްމީ ސިފައެއްގައި ހާމަކޮށްފައި ނުވިނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ބޯޑުގެ ނިންމުންތަކާއިމެދު ހިތްހަމަޖެހިވަޑައިނުގެން ކަމަށްބުނާ އަޑުތައް ފެތުރިފައިވެއެވެ.
އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީގެ އެތެރޭގައި ބައެއް މައްސަލަތައް ހުރިކަމުގެ ވާހަކަ އެކި ގޮތްގޮތަށް ދެކެވެމުން އަންނަ މިދަނޑިވަޅުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީއާއެކު މިނިސްޓްރީން ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށެވެ.