އަޔަލޭންޑް، ސްޕެއިން އަދި ނޯވޭއިން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފިއެވެ.
އެގޮތުން މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް މި 3 ޤައުމުންވެސް ވަނީ އިއުލާން ކޮށްފައެވެ.
އެގޮތުން ޑަބްލިންގައި އަޔަލޭންޑްގެ ބޮޑުވަޒީރު ސައިމަން ހެރިސް ވިދާޅުވީ ފަލަސްތީނުގެ ދައުލަތެއްގެ ގޮތުގައި އެޤައުމުން ބަލައިގަންނާނެ ކަމަށާ އެގައުމުން ގަބޫލުކުރާ ގޮތުގައި ދާއިމީ ސުލްޙަ ޤާއިމު ކުރެވޭނީ މިނިވަން ރައްޔިތުންގެ މިނިވަން އިޚްތިޔާރުގެ މައްޗަށް ކަމަށެވެ.
ބޮޑުވަޒީރު ވިދާޅުވީ ޣައްޒާގައި ތިބި ފަލަސްތީނު ރައްޔިތުން ދަނީ އެންމެ ބިރުވެރި، ހިތްދަތި، ތަކުލީފާއި ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުން ކަމަށެވެ.
މީގެއިތުރުން ސްޕެއިންގެ ބޮޑުވަޒީރު އެޤައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ވިދާޅުވީ، މިމަހުގެ 28 ވަނަ ދުވަހު ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސްޕެއިނުން ފަލަސްތީނު ބަލައިގަންނަނީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ކަމަށާ އެކަން ތިން ބަހަކުން މާނަ ކުރެވިދާނެ ކަމަށާ އެއީ ސުލްހަ، އަދުލު އިންސާފު އަދި ހަމަޖެހުން ކަމަށެވެ.
މީގެއިތުރުން ނޯވޭއިންވެސް ވަނީ މެއި 28ގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނަންނިންމާފައިވާކަން މިއަދު އިއުލާން ކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގަހްރު ސްޓޯރުން ވިދާޅުވީ ފަލަސްތީނުގެ ދައުލަތެއް އެގައުމުން ބަލައިގަންނާނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސުލްހަ އާއި ހަމަޖެހުން ހޯދުމަކީ ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމަށް ކުރެވިދާނެ ކަމެއް ކަން ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށެވެ.
ފަލަސްޠީނުގެ ސަރުކާރުން ބުނާގޮތުގައި އދ. ގެ މެމްބަރުންގެ ލިސްޓްގައި ހިމެނޭ 193 ޤައުމުގެ ތެރެއިން 142 ޤައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފައިވާ ކަމަށެވެ.
އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ، ޖަޕާން، އޮސްޓްރޭލިޔާ އަދި ދެކުނު ކޮރެއާ، ފަލަސްޠީނުގެ ދައުލަތް ރަސްމީކޮށް ބަލައި ނުގަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭކަން ފާހަގަކުރެވެއެވެ.