ތާނަ އަކުރުތަކުގެ އަޑުތައް ކިޔަވައިދެވޭނެ ގޮތެއް ހޯދުމަށް ދިރާސާ ކުރަން ފަށައިފި

ދިވެހިބަހުގެ ތާނާގައި ހުންނަ އަކުރުތަކުގެ އަޑުތައް ނުވަތަ މަޚުރަޖު މަދަރުސާތަކުގައި ކިޔަވައިދެވޭނެ ގޮތެއް ހޯދުމަށް ޢިލްމީ ދިރާސާތަކެއް ކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ކުރަން ނިންމައިފިއެވެ.

މިއަދު ވެވުނު ފަހުމުނާމާގެ ދަށުން މައިގަނޑު 3 ކަމެއް ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ދިވެހިބަހުގެ ދިރާސާތައް ޤައުމީ ޔުނިވަރސިޓީން ފެށުމާއި ދިވެހިބަސް ކިޔަވައިދިނުމުގައި ބަހުގެ އަޑުތައް ކިޔަވައިދެވޭނެ ގޮތެއް ހޯދުމާއި ޅެންފަރުވާ ދިވެހިބަހުން ދެވޭނެ ގޮތްތައް ހޯދުމެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ކޮންމެ ބަހެއްވެސް ޢިލްމީކޮށް ކިޔަވައިދޭއިރު އެ ބަހެއްގައި ހުންނަ އަކުރުތަކުގެ އަޑުތަކަށް ޚާއްސަ އިސްކަމެއްދޭ ކަމަށެވެ. އެހެންކަމުން ދިވެހިބަސް ކިޔަވައިދޭއިރުވެސް، ދިވެހި އަކުރުތަކުގެ އަޑުތައް ކިޔަވައިދެވޭނީ ކިހިނެއްތޯ ހޯދަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކޮންމެ ބަޔަކުވެސް އެބައެއްގެ މާދަރީ ބަސް ކިޔަވައިދޭއިރު އެ ބަހެއްގެ އަޑުތައް ކުދިންނަށް ދަސްކޮށްދިނުން ކިޔަވައިދިނުމުގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައި އޮންނަނީ. އެހެންވީމަ ދިވެހިބަހުގެ އަސްލު އަޑުތައް ސަލަމާތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދިވެހިބަހާ ގުޅޭގޮތުން ޤައުމީ ޔުނިވަރސިޓީން ކުރެވޭ ދިރާސާތަކުގެ ސަބަބުން، ދިވެހިބަހާއި ތާރީޚާ ގުޅުންހުރި މަޢުޟޫތަކަށް ދަރިވަރުންނަށް ކިޔަވައިދިނުމުގައި ދިރާސާތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އެގޮތުން މި މަޢުޟޫތަކުގައި މިހާރު ކިޔަވައިދޭ ވަރަށްވުރެ ގިނަ މަޢުލޫމާތު ދަރިވަރުންނަށް ކިޔަވައިދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ފަހުމުނާމާގެ ދަށުން ދިވެހިބަހުން ޅެންފަރުވާ ދެވޭނެ ގޮތްތައް ހޯދުމަށްވެސް ޤައުމީ ޔުނިވަރސިޓީން ދިރާސާކުރާނެއެވެ. ވަޒީރު ވިދާޅުވީ ޅެންފަރުވާ ދިނުމާ ގުޅޭގޮތުން ވަރަށް ގިނަ ބަޔަކާއެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި މިކަމަށް ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތަރުހީބު ވަރަށް ބޮޑު ކަމަށެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ކުރިއަށް އޮތްތާނުގައި ދިވެހިބަހާ ބެހޭ ވުޒާރާއިން ހިންގާ މަޝްރޫޢުތަކާއި ކުރާ ދިރާސާތަކުގައި ޤައުމީ ޔުނިވަރސިޓީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. ޑރ. ޝެހެނާޒް ވިދާޅުވީ ދިވެހިބަސް ވަނީ ދިވެހިންގެ ތާރީޚާއި ސަގާފަތާ ގުޅިލާމެހިފައި ކަމަށެވެ.

"ދިވެހިބަސް ރައްކާތެރި ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ދިރާސާތަކުގެ ދައުރެއް. އަދި ދިވެހިބަހުގެ ޢިލްމު ރައްކާތެރިކޮށް މުއްސަނދި ކޮށް އަންނަން އޮތް ޖީލަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރަންޖެހޭ." ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ގުޅުންހުރި މަޢުލޫމާތުތައް ރައްކާތެރިކޮށް މުއްސަނދިކުރުމުގައި ދިވެހިބަހާ ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

advertisement
ހިޔާލު ދެއްވާ!