ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާޙް އަދި ސީނިއަރ ޑެޕިއުޓީ ލީޑަރަކަށް ޝުޖާޢު ހަމަޖައްސައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) ތަމްސީލް ކުރައްވާ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހީމް ފަލާހު ކަނޑައެޅުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެ ޕާޓީން މިގޮތަށް ނިންމާފައިވަނީ ކޮންގްރެސް ޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު މަގާމުތަކަށް ކަނޑައަޅުއްވަން ބޭނުންފުޅުވާ ނަންތައް ހުށަހެޅުއްވުމުންނެވެ.

ވިހި ވަނަ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ކޮންގްރެސް ޕާޓީއަށް ލިބިފައިވާއިރު، އެ ޕާޓީގެ ޕީޖީ ލީޑަރު ވެގެންދާނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށެވެ. އެ މަގާމަށް މެންބަރަކު ކަނޑައަޅާނީ ޕާޓީގެ ޕީޖީ މެންބަރުންނެވެ. އެގޮތުން، ޕީޖީ ލީޑަރަކަށް، އިނގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހިމް ފަލާހުގެ ނަން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވުމުން އެ ނަން ޕާޓީގެ އިންތިޚާބީ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ރައީސް ޑރ. މުއިޢްޒު ހުށަހެޅުއްވީ ބާރަށު ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހިމް ޝުޖާއުގެ ނަންފުޅެވެ.

ޝުޖާއުގެ އިތުރުން 3 ޑެޕިއުޓީ ލީޑަރުން ކަނޑައެޅުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވިއެވެ. އެގޮތުން އެމަނިކުފާނު ހުށަހެޅުއްވީ، ވިލިމާލެ ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އިސްމާޢީލާއި، މަހިބަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަހުމަދު ޠާރިގާއި ހުޅުދޫ ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ޝާހިދުގެ ނަންފުޅެވެ. މި ނަންތައް ވެސް ވަނީ ފާސްވެފައެވެ.

ވިހި ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރާ ކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

advertisement
ހިޔާލު ދެއްވާ!