މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" އާންމުކޮށް ކިޔާ ނަމުންނަމަ "ޗައިނާ ވައިޓް"، ބައިނަލްއަޤުވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އެދިއްޖެއެވެ.
މިނިސްޓްރީ އިން ބުނާގޮތުގައި މިބާވަތަކީ ބާރުގަދަ ކެމިކަލެއް އެއްކުރެވިގެން އުފެއްދިފައިވާ ޑްރަގެކެވެ. އެހެންކަމުން، މި ބާރުގަދަ ބާވަތުގެ މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
މިއާ ގުޅިގެން ނެރުނު އެންގުމުގައި މިނިސްޓްރީން ވިދާޅުވެފައިވަނީ މިކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފެންޓަނީލް އަކީ މޯފިން އަށް ވުރެ 50-100 ގުނަ ވަރުގަދަ އަދި ހެރޮއިން އަށް ވުރެ ގާތްގަނޑަކަށް 20-40 ގުނަ ވަރުގަދަ ބާވަތެކެވެ.