މޫސުން ގޯސްވެ، އައި ވިލާގަނޑެއްގައި ހުޅުމާލެއިން ވެއްޓުނު ގަހެއް.

ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އޮރެންޖް އިންޒާރު ނެރެފި!

ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އޮރެންޖް އިންޒާރު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން އޮރެންޖް އިންޒާރު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ މިއަދުގެ ހެނދުނު 8:00 ން ފެށިގެން 11:00 އާ ހަމައަށް ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

އަދި މި ސަރަހައްދަށް ގަޑިއަކު 34 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް އެއިދާރާއިން ލަފާކޮށްފައިވެއެވެ.

މާލެ ސަރަހައްދަށް ވެސް ވަރަށް ވައިގަދަވެ ކުރަމުންދާ ވިއްސާރާގައި އެކި ގެއްލުންތައް ވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. މާލެއާ ހުޅުމާލެއިން ބައެއް ގަސް ވެއްޓިފައިވާއިރު، ހުޅުމާލެ ފޭސް2 ގައި ޕާކުކޮށްފައި ހުންނަ ސައިކަލްތައް ވެއްޓި ގެއްލުންތައްވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެ ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވެފައިވާތީ ކޮންމެހެން ކުރަންޖެހޭ ކަނޑުދަތުރު ނޫނީ ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރައްވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ރޯނު ނަކަތެވެ. މިނަކަތަކީ ކަނޑުގަދަވެ ގަދައަށް ވިއްސާރަަކުރާ ނަކަތެއްކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!