އެމްއެމްޕީއާރްސީ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރާ ހަވާލުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ(އެމްއެމްޕީއާރްސީ)ގެ ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމްއާ ހަވާލުކޮށްފިއެވެ.

ބައްސާމްއާ އެމްއެމްޕީއާރްސީ ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުުގެ މަގާމުން ފާތިމަތު ތައުފީގު(ކުޑީ) އިއްޔެ ވަކި ކުރުމާ ގުޅިގެންނެވެ.

މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ) އިން ބުނީ އެމްއެމްޕީއާރްސީގެ ހިންގުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމްއާ މިއަދުން ފެށިގެން ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ކަމަށެވެ.

މި ހަފްތާގެ ތެރޭގައި އެމްއެމްޕީއާރްސީގެ ބޯޑުން ދެ ބޭފުޅަކު އިސްތިއުފާދެއްވާފައިވެއެވެ. އެއީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން ޖަނާހުއާއި އެ ބޯޑުގައި މަޓީ ތަމްސީލު ކުރި މެމްބަރު ރާފިލް މުހައްމަދެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުުގެ މަގާމުން ފާތިމަތު ތައުފީގު ވަކި ކުރީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް އަދި  ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން ޖަނާހުއާއި އެ ބޯޑުގައި މަޓީ ތަމްސީލު ކުރި މެމްބަރު ރާފިލް އިސްތިއުފާ ދެއްވީ ކިހިނެއް ވެގެން ކަންވެސް ސަރުކާތުން އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

އެމްއެމްޕީއާރްސީގެ ހިންގުން ވަގުތީ ގޮތުން ބައްސާމްއާ ހަވާލުކޮށްފައިވާއިރު، އޭނާ އެ ކުންފުނީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

އެކަމާ ގުޅިގެން އެމްއެމްޕީއާރްސީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް މައްސަލައެއް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައެއް ނުވާ ކަމަށެވެ.

އެހެންނަމަވެސް، އެ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކޮށް އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭރު އެ ކުންފުނިން ބުނެފައިވެއެވެ. އެމްއެމްޕީއާރްސީން އެ ބަޔާނުގައި އިތުރަށް ބުނީ ޑިސިޕްލިނަރީ ކޮމިޓީގެ ތަހުގީގަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށްގެންދާ ސަރުކާރުގެ ކުންފުންޏެވެ.

advertisement
ހިޔާލު ދެއްވާ!