ފޮޓޯ: ރިވާޔާ ނިއުސް

މުދާ އުފުލާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މުދާ އުފުލާއިރު ސަމާލުވުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ މި ދުވަސްވަރަކީ ވައިގަދަ ދުވަސްވަރަކަށް ވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ލޮރީއާއި ޕިކަޕު ފަދަ އުޅަނދުތަކުގައި، ފަސޭހައިން ވަޔާދާނެ ފަދަ ޓިނާއި ފިލާފަދަ ތަކެތި އުފުލާއިރު އެ ތަކެތި ވަޔާވިއްސައިގެން ނުދާނޭހެން ރައްކާތެރިކަމާއެކު އައްސާފައި ބެހެއްޓުން މުހިއްމު ކަމަށެވެ.

އަދި ފުލުހުން ވަނީ އުޅަނދަށް އަރުވާ ހުރިހާ ތަކެއްޗެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެއްސުމަށް ބޭނުންކުރާ ތަކެއްޗަކީވެސް އެކަށީގެންވާ ވަރުގަދަ ތަކެތިކަން ޔަޤީންކުރުމަށްވެސް އިލްތިމާސް ކޮށްފައެވެ.

އޯވަރލޯޑް ނުކުރުމަށާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އުޅަނދުތަކުގެ ދުވެލި މަޑުކުރުމަށް އިސްކަން ދިނުމަށްވެސް ފުލުހުންވަނީ އެދިފައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. މިއަދު ވެސް ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު ވައިގަދަވުމުގެ ސަބަބުން ވަރަށް ގިނަ ބޮޑެތި ގެއްލުން ލިބިފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އުތުރާއި މެދު ރާއްޖެތެރޭގެ ސަރަޙައްދުގައި ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!