އިސްލާމިކް ޔުނިވަރސިޓީގައި މަސައްކަތް ކުރައްވާ ޑރ. ކުރުދީގެ ޢާއިލާ. ފޮޓޯ: އައިއޭސީ

ފަލަސްޠީނުގެ ޢާއިލާއެއް އައިއޭސީން ރާއްޖެ ގެނެސްފި!

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ، އައިޔޫއެމްގައި މަސައްކަތް ކުރައްވާ ފަލަސްޠީނުގެ ޕްރޮފެސަރ ޑރ. ޙަސަން ކުރްދީގެ ޢާއިލާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އައިއޭސީ ގެ އެހީގައި ރާއްޖެ ގެނެސްފިއެވެ.

އައިއޭސީން މިއަދު ކުރި މީސްމީޑިއާ ޕޯސްޓެއްގައި ބުނީ އައިޔޫއެމްގެ ޕްރޮފެސަރ ޑރ.ކުރުދީގެ ޢާއިލާ ޣައްޒާއިން ނެރުމަށް ކުރެވެމުން އައި މަސައްކަތް ކާމިޔާބުވެ، ﷲގެ ރަޙްމަތުން މިއަދު އެ އާއިލާ މިވަނީ ރާއްޖެ ގެނެވިފައި ކަމަށެވެ.

އައިއޭސީން ބުނީ ދިވެހި ރައްޔިތުންގެ އެހީއާއިއެކު އެ ޢާއިލާ ރައްކާތެރިކަމާއިއެކު ރާއްޖެ ގެނެވުމަކީ އެކަމާ އެ ޖަމްޢިއްޔާއިން ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

އަދި ޑރ. ކުރުދީގެ ޢާއިލާއާ ރާއްޖެއައުމުން އައިއޭސީ ޓީމުގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ބައެއް މުވައްޒަފުންވެސް ބައިވެރިވެ އެ ޢާއިލާއަށް ހޫނު މަރުޙަބާއެއް ކިޔާފައިވާ ކަމަށެވެ.

ޑރ.ކުރްދީގެ އާއިލާ ޣައްޒާގައި ދިރިއުޅެމުން އައި ގެޔަށް ޔަހޫދީން ބޮން އަޅައި ސުންނާފަތި ކޮށްލުމުގެ ސަބަބުން، އެއާއިލާ ދިރިއުޅެމުން އައީ ރަފަހްގައި ހުރި ކޭމްޕެއްގައެވެ.

ޑރ. ކުރުދީގެ ޢާއިލާގެ ޚަބަރު އައިއޭސީއަށް ލިބުމާއެކު، އެ ޖަމިއްޔާއިން ވަނީ ކުރުދީއާއި ބައްދަލުކޮށް އޭނާގެ ޢާއިލާ ޣައްޒާއިން ނެރެ، ތުރުކިޔޭއިން ރާއްޖެ އައުމަށް ދާނެ ހުރިހާ ޚަރަދެއްވެސް ހަމަޖައްސާނެ ކަމަށް ބުނެފައެވެ.

މި ޢާއިލާ ރާއްޖެ ގެނައުމުގައި ދިމާވި ބޮޑެތި ހުރަސްތަކުގައި ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ވެދެއްވާފައިވާ އަވަސް އެހީތެރިކަމަށް އެ ޖަމްޢިއްޔާއިން ވަނީ ޝުކުރުއަދާ ކޮށްފައެވެ.

އައިއޭސީން ވަނީ އިންސާނީ އެހީގެ މަސައްކަތުގައި އައިއޭސީއާއި އެކު އަބަދުވެސް ދިވެހި ރައްޔިތުން ބާއްވާ ގާތް ގުޅުމަށް ޝުކުރު އަދާކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!