މަގުމަތީގައި ކުޅެންއުޅުނު ދެ ކުދިން ކަރަންޓުގައި ޖެހި ޙާލު ސީރިއަސްވެއްޖެއެވެ.
ރ. އަތޮޅު އުނގޫފާރު މަގުމަތީގައި ކުޅެން އުޅުނު ދެ ކުއްޖަކު ކަރަންޓުގައި ޖެހި އެރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އުނގޫފާރު ހޮސްޕިޓަލުން މަޢުލޫމާތު ލިބިފަިވާ ގޮތުގައި އެ ދެ ކުދިން އެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު މެންދުރު ފަހު 1:40 ހާއިރު ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެ ކުދިން މަގުމަތީގައި ކުޅެން އުޅެނިކޮށް ކަމަށާ ޕާކު ސަރަހައްދުގެ މަގުމަތީގައި ކުޅެން އުޅުނު ދެ ކުއްޖަކު ކަރަންޓުގައި ޖެހިފައި ވަނީ ވިއްސާރަވެގެން ހެދިފައިއޮތް ފެންގަނޑަށް، ބައްތީގެ ހޮޅިދަނޑިން ކަރަންޓު އައިސްގެން ކަމަށެވެ.
މި ހާދިސާގައި ކަރަންޓުގައި ޖެހިގެން ފަރުވާދެމުން އަންނަނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށާއި 8 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ދެކުދިންގެ ހާލު ވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އަދި އިތުރު ކުއްޖަކު ވެސް ހާދިސާ ހިނގި ސަރަހައްދުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެކުއްޖާއަކީ އެ ދެކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނި ހޭނެތުނު 18 އަހަރު ކުއްޖެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަގުބައްތީގެ ނަރެއް ބުރިވެފައި ވާއިރު އެނަރު އޮތީ ފެންގަނޑުގެ ތެރޭގައެވެ.