ތިނަދުއަށް ތަރައްޤީ ގެނައުމަށް އަލްސަންއަށް އެއްބާރުލުން ދެއްވުމަށް ވޭސްޓްމެނޭޖްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުޖުތަބާ ޖަލީލް ގޮވާލައްވައިފިއެވެ.
މުޖުތަބާ މިފަދައިން އެދިލައްވާފައި މިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ، ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުޙައްމަދު އަލްސަން އަޙުމަދު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ ގުޅުމުން އަލްސަންއަށް މަރުޙަބާ ވިދާޅުވެ ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައެވެ.
މުޖުތަބާ ވިދާޅުވީ އަލްސަންގެ ފަހަތުގައި ހުންނެވި ކަމަށެވެ. މުޖުތަބާ ވަނީ ތިނަދުއަށް ތަރައްޤީއާ ކުރިއެރުން ގެނައުމަށް ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ އެއްބާރުލެއްވުން އަލްސަންއަށް ދެއްވުމަށް ގޮވާލައްވައިފައެވެ.
އުމުރުން 27 އަހަރުގެ އަލްސަންއަކީ މިފަހަރު މަޖިލީހަށް ހޮވުނު އެންމެ ޒުވާން މެންބަރެވެ.
އަލްސަން ޕީއެންސީއާ ގުޅިވަޑައިގަތީ މުލިއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ މެމްބަރު ކަމުގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އަލްސަން ޕީއެންސީއަށް ސޮއި ކުރެއްވުމުން ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު މިހާރު 79 އަށް އަރައެވެ.
20 ވަނަ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރުން ހުވާ ކުރައްވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.