ދިވެހިރާއްޖޭގެ ޙައްޖުވެރިންނަށް މަޝާޢިރުގައި ޚިދުމަތްދޭ ކުންފުނީގެ ސީއީއޯއާ ދިވެހި ޙައްޖު މިޝަނުން ބައްދަލުކުރައްވައިފިއެވެ.
ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި 1445 ވަނަ އަހަރު މަޝާއިރުގައި ރާއްޖޭގެ ޙައްޖުވެރިންނަށް ޚިދުމަތްދެނީ ރަވާފް މިނާ ފޮރ ޙައްޖު ސަރވިސް ކުންފުނިންނެވެ.
އެ ކުންފުނީގެ ސީ.އީ.އޯ ޒުހައިރު ޢަބްދުލް ޙަމީދު ސަދާޔޫއާއެކު ޙައްޖު މިޝަނުން ބޭއްވި ބައްދަލުވުމުގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށް އެކުންފުނިން މިހާރު ވެފައިވާ ތައްޔާރީތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވާ ކަމަށް ޙައްޖު މިޝަނުން ވަނީ ބުނެފައެވެ.
މި ބައްދަލުވުމުގައި ދިވެހި ޙައްޖު މިޝަންގެ ރައީސް، އަލްއުސްތާޛު އުސާމް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޙައްޖުވެރިންނަށް ޢާއްމުކޮށް ކުރިމަތިވާ ދަތިތަކާއި އެކަން ޙައްލުކުރެއްވުމަށްޓަކައި، ކުރެވިދާނެކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ވީހާވެސް ރަނގަޅު ލުއިފަސޭހަ އިންތިޒާމް ތަކެއް ހަމަޖެއްސުމަށް އެދިވަޑައިގެންފައިވެއެވެ.
ރަވާފް މިނާ ފޮރ ޙައްޖު ސަރވިސް ކުންފުނީގެ ސީއީއޯ ދެއްކެވި ވާހަކަފުޅުގައި އެ ކުންފުނީގެ މަޤްޞަދަކީ ޙައްޖުވެރިންނަށް ވީހާވެސް ރަނގަޅު ޚިދުމަތްތަކެއް ދިނުންކަމަށާއި، އެކަން ކަށަވަރުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ޙައްޖު މިޝަނުން ބުނެފައިވެއެވެ.
މިގޮތުން، ޢާންމުކޮށް މިނާގައި ދިވެހިންނަށް ދިމާވާ ކާބޯތަކެތީގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، ދިވެހިރަހަތައް ހިމަނައިގެން ކެއުން ތައްޔާރުކުރެއްވުމުގެ ވިސްނުން ފުޅު ގެންގުޅުއްވާކަން ފާހަގަކުރެއްވިއެވެ.
ދިވެހި ޙައްޖު މިޝަނުން ވަނީ، ޙައްޖުވެރިންނަށް މަޝާޢިރުގައި ޚިދުމަތްދޭ މުޠައްވިފާއެކު ވެސް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، ރާއްޖޭގެ ޙައްޖުވެރިންނަށް މަޝާޢިރުގައި ކުރިމަތިވާ ދަތިތަކާއި އެކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ.
ރަވާފް މިނާ ފޮރ ޙައްޖު ސަރވިސް ކުންފުންޏަކީ ސައޫދީ ސަރުކާރުން މިއަހަރު ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށް ހުއްދަ ދެއްވާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ތަޖުރިބާހުރި ކުންފުންޏެއް ކަމަށް ދިވެހި ޙައްޖު މިޝަނުން ބުންޏެވެ.