އަލީ ރަމީޒް

ބޮޑެތި ޢިލްމުވެރިންނާ މެދު އެކި ތުހުމަތު ކުރާ މީހުންނާމެދު ފިޔަވަޅު ނޭޅެނީ ކީއްވެ؟: އަލީ ރަމީޒް

ބޮޑެތި ޢިލްމުވެރިންނާ މެދު އެކި ތުހުމަތު ކުރާ މީހުންނާމެދު ފިޔަވަޅު ނޭޅެނީ ކީއްވެގެންތޯ ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ސަރުކާރަށް ސުވާލެއް އަމާޒު ކުރައްވައިފިއެވެ.

އަލީ ރަމީޒް ރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިލްމުވެރިން ކަމަށް ބުނާ ބައެއް މީހުންނާއި، މެޑިކަލް ޑޮކްޓަރުން ކަމަށް ބުނާ ބައެއް މީހުން އަޙްލުއް ސުންނާ ވަލް ޖަމާޢަތުގެ އަޤީދާއާ ފުށުއަރާ އެތައް ވާހަކަތަކެއް ފަތުރަމުން، ބޮޑެތި އިލްމުވެރިންނަށް ތަފާތު އެކިއެކި ތުހުމަތުތައް ކުރަމުންދާއިރު، އެމީހުންނާ މެދު ފިޔަވަޅު ނާޅަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.

އެޕޯސްޓްގައި އެކަން ކުރަނީ ކޮންބައެއްކަން ސީދާ ވިދާޅުވެފައި ނުވި ނަމަވެސް ޢަލީ ރަމީޒު އެ އިޝާރާތް ކުރައްވަނީ އަދާލަތު ޕާޓީގެ ކުރީގެ ރައީސް އައްޝައިޚް ހުސެއިން ރަޝީދާއި އަދާލަތު ޕާޓީގެ އެންމެ އިސް އެއް ބޭފުޅާކަމަށްވާ އީ.އެން.ޓީ ޑޮކްޓަރު، ޑރ. މަޢުރޫފުކަމަށް ޤަބޫލު ކުރެވެއެވެ.

ހުސެއިން ރަޝީދާއި ޑރ. މަޢުރޫފަކީ އެބޭފުޅުން ދީނީގޮތުން ދައްކާ ގިނަ ވާހަކަތަކަށް ވަރަށް ގިނަ ޢިލްމުވެރިންނާއި، ދީނަށް ލޯބިކުރައްވާ ވަރަށް ގިނަ ބޭފުޅުންގެ ނުރުހުން އަބަދުވެސް އަމާޒުވާ ދެބޭފުޅުންނެވެ.

އެގޮތުން އެ ދެބޭފުޅުންގެ ގިނަ ސްޓޭޓަސްތަކުގައި ޢަޤީދާގެ ބޮޑެތި މައްސަލަތައް ހުންނަކަމާއި ޚާއްސަކޮށް ސަޢޫދީ ޢަރަބިއްޔާގެ ބޮޑެތި ދީނީ ޢިލްމުވެރިންނަށް ވަރަށް ފާޅުކަންބޮޑުގޮތެއްގައި ފާޑުކިޔާކަމަށް ގިނަބަޔަކު ބުނެއެވެ.

advertisement
ހިޔާލު ދެއްވާ!