ރައްޔިތުންގެ މަޖިލިސް-- ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

ޕާޓީތައް މަތިން ފޫހިވެ, އަމިއްލަ ގޮތުން ކުރިމަތިލާމީހުން ހޮވީމަ މިހަދަނީ ކިހިނެއް؟

ޑިމޮކްރަސީގެ ބާރުތައް ބެހިފައިވާ ގޮތުން ދައުލަތުގެ ތިންބާރު އޮންނަނީ ވަކިވެ، އެއްބާރު އަނެއްބާރަށް ނުފޫޒު ނުފޯރުވޭނެހެން ބައްޓަންވެފައެވެ.

އެގޮތުން އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރަކީ މީގެ ތެރެއިން އެއްވެސް ބާރެއް އަނެއް ބާރަށް ނުފޫޒު ފޯރުވުމެއް ނެތި ހިންގަންޖެހޭ ތަންތަން ކަމަށް ގާނޫނު އަސާސީގައި ބުނެއެވެ. މިއީ ރާއްޖޭގައި އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމު ބުނާ ވާހަކަ އެވެ.

އެހެން ނަމަވެސް މި ދެންނެވި ގޮތަށް  އަމަލުކުރާ ހަނދާނެއް އަޅުގަނޑުގެ ހަނދާނަކަށް ނާދެއެވެ. އަބަދުވެސް ފެންނަމުންދަނީ ވެރިކަން ހިންގާ ބާރުން މިދެންނެވި ތިންބާރު މަސްހުނިކޮށް ދައުލަތް ހިންގާތަނެވެ. ވަކި ސަރުކާރެއް ނޫނެވެ. ހުރިހާ ސަރުކާރަކުން ވެސް ކަންކަން ކުރަމުން މިދަނީ މިދެންނެވިހެންނެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރާ މެމްބަރަކީ އެރައްޔިތުންގެ އަޑުއަނހައި، އެރައްޔިތުން ބޭނުންވާ ގޮތަށް އެރައްޔިތުންނަށް ފައިދާހުރި ގާނޫނުތައް ހެދުމަށް އަދި ވެރިކަން ހިންގުމުގެ ބާރު ޒިންމާދާރު ކުރުމަށް ރައްޔިތުން ހޮވާ ބައެކެވެ.

އެހެންނަމަވެސް ޕާޓީތަކުގެ ޓެގްލައިން އަޅުވައި މެމްބަރުން އިންތިޚާބުވެ ރައްޔިތުންގެ ޚާދިމުންނަށް ވުމުގެ ބަދަލުގައި މިވަނީ މި ދެންނެވި ސިޔާސީ ޕާޓީތަކުގެ މަސްލަހަތު ހިފެހެއްޓުމެވެ.

މިކަންކަން މިހެން ހުރުމާއެކު  އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް ކުރިމަތިލާމީހުން ރައްޔިތުން ހޮވަނީ ލައްކަ އުންމީދުތަކެއް ކޮށްގެންނެވެ. އެރައްޔިތުންގެ ހައްގުގައި ބަސް ބުނަން  ޕާޓީތަކުގެ ވިޕްލައިންގައި ނުބެނދި ހުންނާނެ މެންބަރެއް ހޮވުމުގެ ނިޔަތުގައެެވެ.

ނިމިގެންމިދާ ރައްޔިތުންގެ މަޖިލީހުން ވަނީ ޕާޓީ ބަދަލުނުކުރެވޭނެ އިސްލާހެއް ގާނޫނުގައި ހިމަނައިފައެވެ. ޤާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެ އިސްލާހުގައި ބުނާގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރުކަމުން ވަކިވާނެއެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ވިޔަސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.

މި އިސްލާޙް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒު ވަނީ ތަސްދީގު ވެސް ކުރައްވައިފައެވެ. އެހެންނަމަވެސް މި އިސްލާހުގައިވާ ފުށުއެރުމެއްގެ ނާޖާއިޒް ފައިދާ ނަގައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އަމިއްލަ ގޮތުން ނިކުމެ މަޖިލީހަށް ހޮވުމުން ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

ޤާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހަށް ހޮވުމަށްފަހު އެ މެންބަރަކު ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކާ ގުޅިގެން އެމެންބަރެއްގެ ގޮނޑި ނުގެއްލޭނެއެވެ. އެއީ ކަނޑައެޅިގެން އެވާހަކަ ސީދާ މުޠުލަގަށް ބަޔާން ކޮށްފައި ނުވާތީއެވެ. ގިނަ މެންބަރުން ނެގީ އޭގެ ނާޖާއިޒް ފައިދާއެވެ.

އެހެން ނަމަވެސް އަމިއްލަ ގޮތުން ކުރިމަތިލައިގެން ހޮވުނު މެމްބަރުންގެ ދާއިރާގެ ގިނަ ރައްޔިތުން ތިބީއެކަމާ މާޔޫސްވެފައެވެ. ހުރިހާ ޕާޓީތަކުން ކަހަލަ ގޮތަކަށް މެންބަރުން ވާދަކުރެއްވި އިންތިޚާބަކުން އަމިއްލަ ގޮތުން ލީ ކެންޑިޑޭޓަށް ވޯޓު ދެއްވައި އެ މެންބަރު ހޮވީ ލައްކަ ފޮނި އުންމީދާއެކު ޕާޓީތަކުން ބުނާހާ ގޮތެއް "އޯކޭ" ވެގެން ނުހުންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އެމެންބަރުން ދިނުމުންނެވެ.

އެހެން ނަމަވެސް އެމެންބަރުން ރައްޔިތުންނަށް މިދިނީ ދޯކާއެއް ނޫންހެއްޔެވެ؟

advertisement
ހިޔާލު ދެއްވާ!