ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ކުރަން ޑރ. މުޙައްމަދު ޢަލީ ގޮވާލައްވައިފި

ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ކުރަން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުޙައްމަދު ޢަލީ ގޮވާލައިފިއެވެ.

ޑރ. މުޙައްމަދު މިފަދައިން ވިދާޅުވެފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑު ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ނެރެފައިވާ ބަޔާނަކަށް އަލިއަޅުވާލައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމިނިސްޓްރީއިން ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" ބައިނަލްއަގުވާމީ ބާޒާރުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާތީ، މި ޑްރަގަކީ ކެމިކަލް އެކުލެވިގެންވާ ނުރައްކާތެރި ޑްރަގެއްކަމުން މިކަން ރައްޔިތުންގެ ސަމާލުކަމަށްޓަކައި އިއުލާން ކޮށްފައެވެ.

އަދި މިކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް އެމިނިސްޓްރީއާއި ނޭޝަނަލް ޑްރަގް އެޖެންސީއާއި މިކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރަމުންދާ ކަމަށެވެ.

މިބަޔާނާ ގުޅިގެން ޑރ. މުޙައްމަދު ވިދާޅުވީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ގިނަ މީހުން ބުނާ ގޮތުގައި އެމީހުން "ޗައިނާ ވައިޓް" ޑްރަގްސް ބޭނުން ކުރާ ކަމަށާއި އެމީހުންގެ ހަށިގަނޑުން ނުރައްކާތެރި އިންފެކްޝަނެއްގެ އަސަރު ފެނިފައިވާ ކަމަށެވެ.

އަދި އެ އިންފެކްޝަނަކީ އެ ޑްރަގް ބޭނުން ކުރުމުން އުފެދޭ އެއްޗެއް ކަމަށާއި އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ކަމަށްވެސް ޑރ. މުޙައްމަދު ވިދާޅުވިއެވެ.

މުހައްމަދު އަލީ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެތަކެތި ރާއްޖެ އެތެރެވާ ހުރިހާ ދޮރުތަކެއް ބަންދު ކުރަން ޖެހޭ ކަމަށެވެ.

އަދި ރާއްޖޭގައި ވޭޕްކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ގޮވާލަމުން ޑރ މުޙައްމަދު ވަނީ މިކަން ނުކޮށްފިނަމަ ދވެހި ޒުވާން އާބާދީ ހަލާކުވެދާނެކަމަށް ވިދާޅުވެފައެވެ.

advertisement
ހިޔާލު ދެއްވާ!