މި ލިޔުމުގައި ބަލާލާނީ ފަތުރުވެރިކަމުގެ ނާރެހުގައި ދިވެހިރާއްޖެ ދުނިޔޭގެ ފެންވަރުގައި ދަމަހައްޓަމުން އަންނަ ފަޚުރުވެރި، އަދި އެހާމެ ޝަރަފުވެރި މަޤާމު، ކުރިމަގުގައި ދަމަހައްޓާ، ހިފެހެއްޓިދާނެ ފަދަ "ޓެގްލައިނެއް" ޚިޔާރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ޢިލްމީ ނަޒަރަކުން އާ "ޓެގްލައިން" އެއް ޚިޔާރުކުރުމުގެ ކުރިން ފުންކޮށް ވިސްނާ ފިކުރު ހިންގާންވީ ބައެއް ކަންކަމުގެ މައްޗަށެވެ.
ދުނިޔޭގެ ބްރޭންޑްތަކުގައި ބޭނުންކުރަމުން އަންނަ ޓެގްލައިން ބަދަލުކުރުމަކީ، މަދުންނަމަވެސް ކުރާކަމެކެވެ. އެކިއެކި ސަބަބުތަކާ ގޮންޖެހުންތައް ދިމާވެ، އެކަންކަމުން އަރައިގަތުމަށެވެ. ތިރީގައި މި ބަލާލަނީ، ދިވެހިރާއްޖެ ފަދަ މަތީފަންތީގެ ބްރޭންޑަކުން ބޭނުންކުރަމުން އަންނަ ޓެގްލައިން ބަދަލުކުރަން ޖެހިއްޖެނަމަ، ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަމުގެ މައްޗަށެވެ.
"ޓާގެޓް އޯޑިއަންސް" ނުވަތަ އަމާޒުހިފާ މައިގަންޑު ކަސްޓަމަރުން: ޓެގްލައިނެއް ޚިޔާރުކުރުމުގެ ކުރިން، ދިވެހިރާއްޖެއަށް ދަތުރުކުރާ މަތީފަންތީގެ ފަތުރުވެރިންގެ ފަންތިތަކާއި ގިންތިތަކުގެ މީހުންގެ މިޒާޖާއި، ވައްޓަފާޅިއާއި، އެދުންތަކާއި، މުހުތާދުތަކުގެ މައްޗަށް ފުންކޮށް ނަޒަރު ހިންގާލުމަކީ ކޮންމެހެންވެސް ކުރާންޖެހޭ ކަމެކެވެ. އާ ޓެގްލައިނުން އެ އެންމެހާ ކަންކަން ރަމްޒު ކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ރާއްޖެއިން ފޯރުކޮށްދޭ "ޔުނީކް ސެލިން ޕްރޮޕޮޒިޝަން" ދިވެހިރާއްގޭގައި ފަތުރުވެރިން ކުރަމުންއަންނަ ނުވަތަ ފަތުރުވެރިންނަށް ކުރުމުގެ ފުރުޞަތު އޮތް، މަތީ ފަންތީގެ ތަޖުރިބާ ތަކާއި، އެކްސްކްލޫސިވިޓީއާއި، ޕްރައިވަސީއާއި، އެފަދަ ދެވަނައެއް ނުވާފަދަ ފުރިހަމަ ޤުދުރަތީ މާހައުލާއި، ހިތްގައިމު މަންޒަރުތަކާއި، އެތަންތަން ފެނުމުން، ފަތުރުވެރިޔާގެ ހިތަށާއި ސިކުނޑިއަށް ކުރުވާ ޖަޒްބާތީ ޝުޢޫރާއި، އުފަންކުރުވާ ޚިޔާލާތުތައް، އާ ޓެގްލައިނުން ރަމްޒުކޮށްދޭން ވާނެއެވެ.
"އެސްޕިރޭޝަނަލް އެޕީލް": އަލަށް އުފައްދާ ޓެގްލައިނުން، އެ ޓެގްލައިން ކިޔާއަޑު އިވުމުން ނުވަތަ ފެނުމުން، އަމާޒުހިފާ މަތީ ފަންތިތަކުގެ ފަތުރުވެރިންގެ ހިތުގައި ޝައުގުވެރިކަން އުފައްދާ، ރާއްޖެއަށް ދަތުރުކޮށް، ތަޖުރިބާ ކުރުމަށް ބޭނުންވާފަދަ ޝައުގުވެރި އިޙްސާސެއް އުފެދޭން ވާނެއެވެ.
"އިމޯޝަނަލް އެޕީލް": ޓެގްލައިނުން ބުނާވާހަކަތަކުން އަމާޒުހިފާ މައިގަނޑު ފަތުރުވެރިންގެ ހިތްތަކުގައި، ދިވެހިރާއްޖެއަށް ދަތުރުކޮށް، މި މަންޒިލް ތަޖުރިބާ ކޮށްލުމުން، އެމީހުންގެ އެންމެހާ ޖަޒުބާތީ އުންމީދުތަކާއި، އެދުންތަކާއި، މުހުތާދުތަކަށް އެކަށޭނަ ތަޞައްލީއެއް ލިބިގެން ދާނެކަމުގެ އުންމީދު އުފައްދާން އާލާވާން ވާނެއެވެ.
"ގުޅުންހުރި މިންވަރު": ޓެގްލައިނުގައި ބުނެދޭ ވާހަކަތަކާއި އެ މަންޒިލަކުން ލިބެންހުންނަ ޚިދުމަތާއީ، ފެންނަ ތަންތަނާއި، އެކަންކަމުން ކުރުވާ އިޙްސާސްތަކާއި، އުފައްދާ ޖަޒްބާތުތައް، ޓެގްލައިނުގައި ބުނެދޭ ވާހަކަތަކުން، ޞަރީޙަކޮށް ބުނެދީ، ގުޅުވާދޭ އެއްޗަކަށް އާ ޓެގްލައިން ވާންވާނެއެވެ.
"ހަނދާން ކުރަން ފަސޭހަވުން": އާ ޓެގްލައިނަކީ ހަނދާން ކުރަން ފަސޭހަ، ކެޗީ، އަދި އަމާޒުހިފާ މައިގަނޑު ގިންތިތަކުގެ މީހުންގެ ހަނދާނުގައި ގިނަދުވަހު ހަރުލާ ހުންނަކަހަލަ، ތަސައްވުރެއް ނުވަތަ ޝުޢޫރުތަކެއް އުފައްދާދޭ ޓެގްލައިނަކަށް، އާ ޓެގްލައިން ވާންވާނެއެވެ.
"އޮތެންޓިސިޓީ": އާ ޓެގްލައިނަކީ، މާބޮޑަށް ޕްރޮމޯޝަނަލް ބަހުރުވަޔާ ދުރުހެލިވެ، ސާފު ޢިބާރާތުން، ސާދާކަމާއެކު އެ ބްރޭންޑަކުން ބުނެދޭން ބޭނުންވާ އެންމެހާ މުސްތަޤިއްލު ކަންކަން، އޭގެ އަސްލާ އެންމެކައިކުރާ، ޙަޤީޤަތާ އެއްގޮތަށް، ތެދަށް، ފަތުރުވެރިންނަށް އިޙްސާސް ކުރުވާދޭ އެއްޗަކަށް ވާންވާނެއެވެ.
މި ބަޔާންކުރެވުނު ކަންކަމަށް ރަނގަޅަށް ވިސްނާ ނަޒަރު ހިނަގާލުމަށްފަހު އުފައްދާ ޓެގްލައިނަކުން، މަތީ ފެންވަރުގެ މުއްސަނދި ފަތުރުވެރިންގެ ހިތްތަކުގައި ދިވެހިރާއްޖެއާ މެދު ޝައުގުވެރިކަން އިތުރުކޮށް، މަތީފަންތީގެ ތަޖުރިބާތައް ކުރަންބޭނުންވާ ފަތުރުވެރިން ފަސޭހައިން ޚިޔާރުކުރާ، އަދި ލޯބިކުރާ މަންޒިލަކަށް ދިވެހިރާއްޖެ ވުމުގެ އިތުރަށް، ބްރޭންޑް 'މޯލްޑިވްސް' ގެ އަގު މަތިކޮށްދީ، ވެލިއު އިތުރުކޮށްދީ މަޤްބޫލުކަން އިތުރުކޮށް ދަމަހައްޓާދީ، އިތުރު މަޝްހޫރުކަން ހޯދާދޭ އެއްޗަކަށް އާ ޓެގްލައިން ވެގެންދާނެކަމީ ކަށަވަރު ކަމެކެވެ.