ވޭޕް ކުރުމުގައި ފިރިހެނުންނަށް ވުރެ އަންހެނުން އުޅެނީ މާ ކުރީގައި!

ރާއްޖޭގައި ފަހަކަށް އައިސް އާންމުވެގެން މިއުޅޭ ޝީޝާއާއި ވޭޕް ކުރުންފަދަ ކަންކަމުގައި އަންހެނުންގެ ނިސްބަތް ބޮޑުތަނުން އިތުރުވަމުންދާކަން ފާހަގަ ކުރެވެއެވެ.

ޒުވާން އަންހެން ކުދިން މަގުމަތީގައާއި ރެސްޓޯރެންޓުތަކުގައި ލަދެއް ހަޔާތެއް ނެތި ވޭޕް ކުރަމުންދަނީ އެކަމުން އެމީހުންނަށް ލިބޭ ގެއްލުން ނޭނގި ކަމަށް ވުންވެސް އެކަށީގެންވެއެވެ.

ގުދުރަތީ ގޮތުން އަންހެނުންނަކީ ފިރިހެނުންނަށްވުރެ ނާޒުކު ބައެކެވެ. އެގޮތުން ދަރިމައިވުމުގެ ނަސީބު އަންހެނުންނަށް ދެއްވާފައިވާއިރު މާބަނޑުވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ކުރިނަމަވެސް ލިބޭ ދަރިންނަށް އެކަމުގެ އަސަރު ކުރެއެވެ.

އެހެންނަމަވެސް އެފަދަ އެއްވެސް ކަމަކަށް ވިސްނާލުމެއް ނެތި ވޭޕްކުރާ ޒުވާން އަންހެން ކުދިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. މިހާރު ދަބަސް ތެރޭގައި ވޭޕެއް ނޯންނަ ޒުވާނެއް މަދެވެ.

މިއީ ސިއްޙީ ގޮތުން ޖީލެއް ހަލާކުވެގެންދާނެކަމުގެ ފެހި ސިގްނަލެއް ކަމަށް ބައެއް މެޑިކަލް ޑޮކްޓަރުން ވެސް ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑރ. މުޙައްމަދު ޢަލީ ގޮވާލައްވައިފައެވެ.

ރާއްޖޭގައި މަސްތުވާތަކެއްޗާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެތަކެތި ރާއްޖެ އެތެރެވާ ހުރިހާ ދޮރުތަކެއް ބަންދު ކުރަން ޖެހޭ ކަމަށްވެސް މުޙައްމަދު ޢަލީ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ވޭޕްކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ގޮވާލަމުން ޑރ. މުޙައްމަދު ވަނީ މިކަން ނުކޮށްފިނަމަ ދވެހި ޒުވާން އާބާދީ ހަލާކުވެދާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންވެ އެކަމަށްޓަކައި ދިރާސާތަކެއްވެސް ކުރަން ސަރުކާރުން މިހާރުވަނީ ފަށައިފައެވެ.

ގައިންގަޔަށް ނާރާ އެކިއެކި ބަލިބަލިން މަރުވުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހުރި ގުޅުމަކީ މިހާރު އިތުރަށް ބަހުސް ކުރާނެ ޖާގަ އެއް ނެތް ހަގީގަތެކެވެ. މިވަބާއިން ސަލާމަތްވުމަށްޓަކައި ތަރައްގީވެފައިވާ ޤައުމުތަކުގެ ސަރުކާރުތަކުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މިހާރު އެ ގައުމުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަށް އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް މަދު ވަމުންނެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމެއް އުފެދިއްޖެނަމަ ސިއްޙީގޮތުން ދުޅަހެޔޮ ރައްޔަތެއްގެ އިތުރުން އެޤައުމެއް ވާހުށީ އިގުތިސާދީ ގޮތުންވެސް ކުރިއެރުމެގެ ފުރުސަތުބޮޑު ގައުމަކަށެވެ.

ޒުވާންކުދިން ދުންފަތުގައި ޖެހި ހަލާކުވެގެން ދާ މިންވަރު އިތުރުވާނަމަ ކުރިމަގުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ވަރަށް އުނދަގޫވާނެއެވެ. އަދި ދުންފަތް ކޮންޓްރޯލު ކުރުމުގެ ޤާނޫނު ތަންފީޒު ކުރުމަށް ހުރަހަކަށް ވާނެއެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި ދުންފަތުގެ ސަބަބުންޖެހޭ ބަލިބަލީގެ ބޮޑުއަސަރެއް އަންހެނުންނަށް ކުރެއެވެ. ޚާއްސަކޮށް ވިހާއުމުރުގެ އަންހެނުންނާއި މާބަނޑު މީހުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ލިބޭ ދަރިފުޅުގެ ޞިއްޙަތަށް އޭގެ ނުރަނގަޅު އަސަރު ކުރުވާނެ ކަމެކެވެ. ކޮންމެ ޒުވާނަކީ ވެސް މަންމައަކަށް ނުވަތަ ބައްޕަ އަކަށް ވާން ތައްޔާރުވާ ފަރާތަކަށްވާއިރު، އާއިލާގެ ޒިންމާދާރު ވެރިންނަށްވުމުގެ ރީތި ނަމޫނާ އެއް ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ދެއްކޭކަށް ނެތެވެ.

އެހެންކަމުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޢާއިލީ ޒިންމާއަށް ވެވޭ އިހްމާލެކެވެ. ރާއްޖޭގެ ޒުވާން އަންހެންކުދިންގެ ތެރޭގައި މިހާރު ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ އިތުރުވަމުން އަންނަ ދުވަސް ވަރެއްގައި ކުރިމަގުގައި ދުޅަހެޔޮ ޖީލެއް ބިނާކުރެވޭނީ ލިބޭ ދަރިންގެ ޞިއްޙަތު ރަނގަޅު ވެގެންކަން ވިސްނާ ހުރިހާ ފަރާތަކުން ވެސް ޒިންމާތަކެއް އުފުލައިގެން މެނުވީ އަޅުގަނޑުމެންގެ މުސްތަޤްބަލް ފެހި އަދި ފާގަތި މުސްތަޤްބަލަކަށް ހެދޭކަށް ނެތެވެ.

މޭގައި އަތް ޖަހާލާފައި "އަހަންނަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހެކޭ ބުނަން" މަސައްކަތް ފަށަން ޖެހެއެވެ.

 

advertisement
ހިޔާލު ދެއްވާ!