ރިސޯޓަކުން މޫދަށް ފޭބި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ!

މާލެއަތޮޅު ފިހާޅޮހި ރިސޯޓުގައި، ސްނޯކްލިން އަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

މިކަމާއިގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެއަތޮޅު ރިސޯޓެއްގައި ސްނޯކްލިން އަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދާ ކަމަށް މިއަދު 11:30 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ ރަޝިޔާ އަށް ނިސްބަތްވާ 67 އަހަރުގެ ފިރިހެން ކަމަށާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ސަލާމަތް ކުރަން މޫދަށް ފުންމާލި ދިވެހި މުވައްޒަފަކު އިއްޔެ ރިސޯޓެއްގައި ވަނީ ނިޔާވެފައެވެ. ނިޔާވެފައި ވަނީ އދ. ސެންތާރާ ރިސޯޓުގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން އެމީހާ ސަލާމަތް ކުރަން މޫދަށް ފޭބި އަފްސަލް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާއަކީ އައްޑޫސިޓީ ހިތަދުއަށް ނިސްބަތްވާ މީހެކެވެ. މިހާދިސާގައި އެ ފަތުރުވެރިޔާ ސަލާމަތްވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރާއްޖެއަށް މިދުވަސްވަރު ކުރަމުން އަންނަ ވިއްސާރާގައި ކަނޑުތައް ވަރަށް ގަދަވެ ވައިބާރު ވެފައިވާތީ މޫދަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފައި ވާކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!