މަޖިލިސް އިންތިޚާބުގައި ދިވެހި ރައްޔިތުން ބޭނުންވާ ގޮތް ވޯޓުން ދައްކާފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މިސަރުކާރުގެ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ބޭނުންވާކަން ރައްޔިތުން ހާމަކޮށްފައިވާ ކަމަށެވެ.
އަދި ވޯޓުން ފެނިގެންދަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުވާން ބޭނުވެ، ވަޒީފާތައް އުފެދި ބޮޑެތި މަޝްރޫއުތައް ހިންގަން ރައްޔިތުން ބޭނުންވެފައިވާ މަންޒަރުކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމުވެ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ބޮޑުވަމުން އަންނަ ކަމަށާއި މީގެ ސަބަބުން ރާއްޖޭގައި ސިޔާސީގޮތުން ހަމަޖެހުން ގާއިމުވެފައިވާކަން އިންވެސްޓަރުން ގަބޫލުކުރާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ބޭރުގެ އިންވެސްޓަރުން ފާޅުކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އަދި ބޭންކުތަކުންނާއި އިންވެސްޓްމަންޓް ވިޔަފާރިތަކުން މިހާރު ރާއްޖެއަށް އިންވެސްޓްކުރަމުންދާ ކަމަށާއި ކުރިއަށްއޮތް ތަނުގައި މީގެ ނަތީޖާ ދިވެހި ރައްޔިތުންނަށް ފެނިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދިވެހި ރުފިޔާގެ ބާރު ގަދަވަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ރިޒާވުވެސް ވަރުގަދަވަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް އެކަނިވެސް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.