ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީން ކަމަށް މިއަދު ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރުގެ މައްޗަށް އަލިއަޅުވާލައްވާ މިއަދު އިއްވި ޚުޠުބާގައި ވިދާޅުވީ ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީން ކަމަށާ ނަބީބޭކަލުން ވާރުތަކުރެއްވީ ޢިލްމު ކަމަށާ ދުނިޔަވީ އެއްވެސް މާއްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތައެއް ނުވާ ކަމަށެވެ.
ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށާ ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ ޢިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަން ކަށަވަރު ކަމަށާ ޢިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެް ކަމަށާ ކީރިތި ޤުރްއާނުގައި މާތް ﷲ ޢިލްމުވެރިންނަށް ތަޢުރީފުގެ ބަސް ވަޙީކުރައްވާފައިވާ ކަމަށެވެ.
މާތްﷲ ސ.ވ.ތ.ގެ ވަޙީ ބަސްފުޅެއްގެ މާނާގައިވާކަމަށް ޚުޠުބާގައި ވިދާޅުވީ "ތިޔަބައިމީހުންގެތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ރަސޫލުﷲ ޞ.ޢ.ވ. އަށް، މާތްﷲ سُبْحَانَهُ وَتَعَالَى، އެ އެއްޗެއް އިތުރުކޮށްދެއްވުން އެދިވަޑައިގެން އެކަލާނގެއަށް ދުޢާ ދެންނެވުމަށް އަމުރު ކުރައްވާފައިވަނީ ހަމައެކަނި ޢިލްމުވެރިކަން އިތުރުކޮށްދެއްވުމަށް ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ. އެގޮތުން އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވާކަމަށް ޚުޠުބާގައި ވިދާޅުވީ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علمއިތުރުކޮށްދެއްވާނދޭވެ!"
ޚުޠުބާގައި ވިދާޅުވީ ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް، ވަކި ޖިންސެއް ނޯންނަ ކަމަށާ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާން ޖެހޭ ކަމަށާ މާތްﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށާ އަދި އެއީ، ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ރަސޫލުﷲ ޞ.ޢ.ވ.ގެ ޙަދީޘެއްގެ މާނާގައިވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. "މީހަކު ޝަރުޢީ ޢިލްމު އުނގެނުމަށްޓަކައި މަގެއް އިޚްތިޔާރުކޮށްފިނަމަﷲ سُبْحَانَهُ وَتَعَالَى އެމީހަކަށްޓަކައި ސުވަރުގެއަށް މަގެއް ފަހި ކޮށްދެއްވައެވެ. ހަމަކަށަވަރުން، މަލާއިކަތް ބޭކަލުން ޢިލްމު އުނގެނޭ މީހާގެ ޢަމަލަށް ރުހިވަޑައިގެން އެ ބޭކަލުންގެ ފިޔަފުޅުތައް އޭނާއަށްޓަކައި ތިރިކޮށްލައްވައެވެ. އަދި ޢިލްމުވެރިޔާއަށް އުޑާއި ބިމުގައި ވާހައި ތަކެއްޗާއި، ކަނޑުގައިވާ މަސްމަހާމެއްސަށް ދާންދެން އިސްތިޣުފާރު ކުރެއެވެ. އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާގެ މާތްކަން ވާހުށީ ހުރިހާ ތަރިތަކުގެ މައްޗަށް ހަނދު މަތިވެރިވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ދީނާރެއް އަދި ދިރުހަމެއް ވާރުތަ ނުކުރައްވައެވެ. ހަމަކަށަވަރުން އެބޭކަލުން ވާރުތަކުރެއްވީ ޢިލްމެވެ. ފަހެ އެ ޢިލްމު ޙާޞިލުކޮށްފިމީހާއީ ބޮޑުވެގެންވާ ނަސީބެއް ޙާޞިލުކޮށްފި މީހެކެވެ."
މި ފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރީންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާކުދިންނަށް ހުރިހައި ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ޚުޠުބާގައި ގޮވާލައްވާފައިވެއެވެ.
އަދި މިއަދުގެ ދަރިވަރުންނަކީ މާދަމާ ޤައުމުގެ ވަޙްދަތު ޙިމާޔަތްކޮށް، ޤައުމުގެ ބަހާތައް ނަގަހައްޓަން ތިބޭނެ ކުދިންކަން ދަންނަންވާނެ ކަމަށާ އެ ކުދިންނަކީ ޢުމުރުގައި ބަރަކާތްލައްވައި ޢިލްމުވެރި މޮޅު ދަރިންތަކަކަށްވާނީ، އެކަލާނގެ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތައި، މުދައްރިސުންނަށް އިޙްތިރާމްކޮށް، ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކޮށްގެންކަން ދަންނަންޖެހޭނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މަދްރަސީ މަރުޙަލާއަކީ، އެ މަރުޙަލާއެއް ނިމި ފާއިތުވެއްޖެނަމަ، ދެން އަލުން ލިބޭނެ ފުރުސަތެއް ނޫންކަމަށާ ތަޢުލީމީ ފުރުޞަތަކަށް އެދިއެދި ތިބި އެތައްހާސް ކުދިންނެއް ދުނިޔޭގައި އުޅޭކަން ދަނެ، ރާއްޖޭގެ ލޮބުވެތި ދަރިވަރުންނަށް ލިބިފައިވާ ފުރުޞަތު ބޭކާރުކޮށްނުލައި، ﷲ ގެ ވާގިފުޅާއެކު ހިންމަތާއެކު މަސައްކަތްކޮށް، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޢަޒުމް އައުކުރުމަށް، ކިޔަވާ ކުދިންނަށް ޚުޠުބާގައި ވަނީ ގޮވާލައްވައިފައެވެ.