ފަލަސްޠީނުގެ ނަމުން ނަންދޭންވާނީ ބޮޑު މަގަކަށް ކަމަށް ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަގަކަށް ފަލަސްޠީނުގެ ނަމުން ނަން ދިނުމަކީ ފެނި ވަޑައިގަންނަވާ ކަމެއް ކަމަށާއި ނަމަވެސް، އެ ނަން ދޭން ވާނީ ބޮޑު މަގަކަށް ކަމަށެވެ.
ރައީސް މައުމޫނު އެމަނިކުފާނުގެ ޙިޔާލު ފާޅުކުރައްވާފައި މިވަނީ މާލޭގެ މަގަކަށް ފަލަސްޠީނުގެ ނަމުން ނަން ދޭން މާލޭ ސިޓީ ކައުންސިލުން ފާސްކުރުމާއި ގުޅިގެންނެވެ.
ދިވެހީންގެ ހިތްތަކުގައި ފަލަސްޠީނަށް އޮތް ތާއީދު ހާމަކޮށް ދިނުމަށްޓަކައި މާލޭގެ ކޮންމެވެސް މަގަކަށް ފަލަސްތީނުގެ ނަމާ ގުޅުވައިގެން ނަން ދިނުމަށް މާލެ ސިޓީ ކައުންސިލްގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުއްވީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.
މޭޔަރު އާޒިމް ވިދާޅުވީ އެގޮތަށް ހުށަހެޅުއްވީ މާލޭގައި ނަން ނުކިޔާ އޮތް ދެ ތިން މަގެއް އޮތުމުންނެވެ.
އިއްޔެގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ގިނަ މެމްބަރުން އާޒިމް އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވިއެވެ. ނަމަވެސް ސިޓީ ކައުންސިލުން އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމާސް ޖަމާޢަތާ އިޒުރޭލު ސިފައިން ކުރަމުން އަންނަ ހަނގުރާމައިގައި، ހައްދުފަހަނައެޅި އިޒްރޭލު ސިފައިން ފަލަސްޠީނުގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށާ ހޮސްޕިޓަލް، މިސްކިތް، ސުކޫލްފަދަ ތަންތަނަށް ބޮންއެޅުމުގެ ސަބަބުން ހަނގުރާމައާ ގުޅުމެއްނެތް 35،900 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަން ފާހަގަ ކުރެވެއެވެ.
މިހަމަލާތައް ކުށްވެރިކޮށް ދުނިޔޭގެ ކަންކޮޅުތަކުގައި އާންމު ރައްޔިތުން މުޒާހަރާކޮށް، އަޑުއުފުލަމުން އަންނަކަން ފާހަގަ ކުރެވެއެވެ.