ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް)އާ ބެހޭ ހަތަރު ވަނަ ބައިނަލްއަގްވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އެންޓިގުއާ ބާބޫޑާއަށް މިރޭ ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނު ރާއްޖޭގެ ޤައުމީ ބަޔާން ދެއްވާނީ މިމަހުގެ 27 ވަނަ ދުވަހު ބާއްވާ ސަމިޓުގެ ޕްލީނަރީ ސެޝަންގައެވެ. މީގެ އިތުރުން ރައީސް މުއިއްޒަކީ އދ. އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޮގުގެ ކޯޗެއާއެވެ.
ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ އެސްއައިޑީއެސް ކޮންފަރެންސްގައި މިއަހަރު އަލިއަޅުވާލާނީ ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ގައުމުތަކުގެ ހަރަކާތްތަކުގެ ކުރިއަށް އޮތް މިސްރާބު ޗާޓްކުރުމަށެވެ.
މިއަހަރުގެ ތީމް "ޗާޓިން ދަ ކޯސް ޓޯވާޑްސް ރެސިލިއަންޓް ޕްރޮސްޕެރިޓީ" ގައި ބާރުއަޅާފައިވަނީ ތިމާވެށީގެ ގޮންޖެހުންތަކުގެ ތެރޭގައި ތަނަވަސްކަން ހޯދުމަށެވެ.
މި ކޮންފަރެންސްގައި ފާހަގަކޮށްލެވޭ ކަމަކީ، އެސްއައިޑީއެސްގެ ހަރަކާތްތަކުގެ ކުރިއަށް އޮތް ޓްރެޖެކްޓަރީ ބައްޓަންކުރާ ޕްރޮގްރާމް ފޯ އެކްޝަން ތައާރަފް ކުރުމެވެ.
ރައީސް މުއިއްޒު އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކޮންފަރެންސްގައި ބައިވެރިވާ ބޭރުގެ ވަފުދުތަކުގެ އިސް އޮފިޝަލުންނާ ވެސް މަޝްވަރާ ކުރައްވާނެ އެވެ.