މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ކުރިއަށް އޮތް ދެ ދުވަހު މޫސުން އެއްކޮށް ރަނގަޅު ނުވި ނަމަވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭވަރު ވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓު އޮފީހުން ބުނީ މޫސުން އެއްކޮށް އަދި ރަނގަޅު ނުވާކަމަށާއި، ނަމަވެސް ކުރިއަށް ދެދުވަހު ދަތުރުކޮށްލެވޭވަރު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ވޭތުވެދިޔަ ދުވަސްތަކާއި އަޅާބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގެ ބާރު މިންވަރު ދަށްވާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އިން ވަނީ ނެރުނު ހުދު ސަމާލު ދަންމާލާފައެވެ.
މިވަގުތު މެޓު އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް 12:00 އިން ފެށިގެން 18:00 އަށެވެ.
އެ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެ ސަމާލުގައި ވަނީ ބުނެފައެވެ.
މީެ އިތުރުން، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި މެދުރާއްޖެތެރެއާ އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ފާއިތުވި ހަފްތާއެއްހާ ދުވަހު ވަރަށް ބޮޑަށް މޫސުން ގޯސްވުމުގެ ސަބަބުން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި އެއްވެސް ދަތުރެއް ނުކުރުމަށް މެޓް އޮފީހުންނާއި ސަލާމަތީ ބާރުތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މިފަހަރުވެސް ހިތާމަވެރި ބައެއް ހާދިސާތައް ހިނގާފައިވާކަން ފާހަގަ ކޮށްލެވެއެވެ.