ހޯމްމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ އަޚްލާގީ މިންގަނޑާ މެދު އާންމުންގެ ފާޑުކިޔުން!

ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ބެލެހެއްޓުމުގެ ޒިންމާ ގާނޫނު އަސާސީން މަތިކޮށްފައިވާ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ "ޑެޕިއުޓީ މިނިސްޓަރު އަމްސޫދާ މުހައްމަދު" އާންމު ރައްޔިތުންނަށް އެއްވެސް އަޚްލާގީ މިންގަޑަކަށް ބެލުމެއް ނެތި ހަޑި ހުތުރު ބަހުން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރައްވަމުންގެންދަވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ސަރުކާރަށް ފާޑުކިޔާ މީހުންނަށް ރައްދުދެއްވައި އަމްސޫދާ ވަނީ ގިނަ ޕޯސްޓްތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފައެވެ. އަމްސޫދާގެ ކިބައިން ފެނިގެންދަނީ ފެށުނީއްސުރެ ވެސް މީހުންގެ ސިފަޔަށް ޖޯކު ޖެހުމާއި މަލާމާތް ކުރުމާއި މިފަދަ ނޭދެވޭ މަންޒަރުތައް ކަމަށް އެކަމަނާއަށް ރައްދު ދެއްވާ ފަރާތްތަކުން ބުނަމުންދެއެވެ.

އަމްސޫދާއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާއިރު، ގިނަ ބަޔަކު ބުނެފައިވަނީ ދައުލަތުން މުސާރަދޭ މަގާމަކަށް ސިޔާސީ އެކްޓިވިސްޓެއް އަންނަ ހިސާބުން އެމީހަކީ ރައްޔިތުންގެ ޚާދިމެއް ކަމަށާއި، އާންމު ރައްޔިތު މީހާއަށް ފުރައްސާރަކޮށް އާންމުންނަށް ހުތުރު ބަހުން ރައްދު ދެއްވަން ޖެހޭ ބައެއް ނޫން ކަމަށެވެ.

ދައުލަތުގެ ޚަޒާނާއިން ބޮޑު މުސާރަ ނަންގަވައިގެން ސޯޝަލް މީޑިއާގައި ރައްޔިތުންނަށް ފުރައްސާރަ ކުރުމަކީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ކޮމެންޓްކޮށްފައިވެއެވެ.

އެގޮތުން އެފަދަ މަގާމަކަށް އައުމާއެކު ފާޑުކިޔުންތައް "ހަޖަމް"ކޮށް ހުރިހާ ކުލައަކަށް އެއްވަރަކަށް ޚިދުމަތް ކޮށްދިނުމަކީ މަގާމުގެ ޒިންމާއެކެވެ.

"ރިވާޔާ ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްސޫދާ އަށް ދިން މަގާމުގެ އެއްވެސް ޒިންމާ އެއް އެކަމަނާ އަދައެއް ނުކުރައްވައެވެ. އޮފީހަށް ވަޑައި ނުގަނެ ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ ނަަންގަވަމުން ގެންދަވާތާ ދުވަސް ގަނޑެއް ވެއްޖެއެވެ. އަދި މަގާމުގެ މައްސޫލިއްޔަތުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ޤާބިލުކަން ވެސް އެކަމަނާގެ ކިބައިގައި ނެތް ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިފަދަ އެކްޓިވިސްޓުންގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުއިޢްޒުގެ އަގު ވެއްޓި އެމަނިކުފާނަށް ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ރައީސް ޑރ. މުއިޢްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށާއި އާންމުގެ މެދުގައި މަސްލަހަތު ގެއްލޭ ކަންކަމަކީ އެމަނިކުފާނު އެއްގޮތަކަށް ވެސް ތާއީދު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބައެއް މިފަދަ ބޭފުޅުންގެ ފުށުން އެމަނިކުފާނު މިދެންނެވި ގޮތާ ޚިލާފަށް އަމަލު ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ބެލަހެއްޓުމުގެ ޒިންމާ ގާނޫނު އަސާސީން މަތިކޮށްފައިވާއިރު އެކަން އެގޮތަށް ނުކޮށް މުޖުތަމަޢުގެ މަސްލަހަތު ގެއްލޭ ގޮތަށް ޢަމަލުކުރައްވަމުން ގެންދަވާތީ އެކަމަނާ އާ މެދު ފިޔަވަޅު އަޅައިދެއްވުމަށް ވެސް ބައެއް މީހުންވަނީ ސޯޝަލް މީޑިއާގައި ހޯމިނިސްޓަރު އިޙްސާން އަށް ގޮވައިލައްވާފައެވެ.

advertisement
ހިޔާލު ދެއްވާ!