ކުރިއަށް އޮތް ދެ ދުވަހު މޫސުން އެއްކޮށް ރަނގަޅު ނުވި ނަމަވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭވަރު ވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އޮފީހުން ބުނެފައިވީ ނަމަވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓްއިން އެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު އިރުއޮއްސި 18:00 އިން މިރޭ 00:00 އަށެވެ.
މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
މީގެ އިތުރުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅަށް މެޓުން ދާދިދެންމެއަކުވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ އިރުއޮއްސި 18:30 އިން 21:30 އަށެވެ. މެޓުން ނެރުނު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެެހި ބާރަށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި މެދުރާއްޖެތެރެއާ އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.